ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮންނަ އެ ގައުމުގެ މައި ވައިގެބަނދަރު، ހަޒްރަތު ޝާހްޖަލާލް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ކާގޯ ސެކްޝަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ހުރިހާ ފްލައިޓްތަކާއި ލޭންޑިންގ އޮޕަރޭޝަންތައް ހުއްޓާލައިފިއެވެ.

އެ އެއާޕޯޓްގެ ފަޔަރ ސަރވިސްގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ ވަކިން ޚާއްޞަކޮށް އިމްޕޯޓް ކުރެވޭ މުދާ ގިނައިން ރައްކާކުރެވިފައި ހުންނަ ކާގޯ ސެކްޝަނުގައެވެ.

Ad
rt

މި ސަރަޙައްދުން ބޯ ދުން އުފެދިފައިވާއިރު، ލޯކަލް ޗެނަލް24 ޓީވީއިން ސެކިއުރިޓީ ގާޑުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެހެނިހެން މުދަލުގެ އިތުރުން ގިނަ އަދަދެއްގެ އަންނައުނު ހުރިއިރު، ކެމިކަލް ހުރި ދަޅުތައް ގޮވުމުގެ އަޑު އިވި، އަލިފާން އިތުރަށް ގަދަވެފައިވެއެވެ.

ފަޔަރ ސަރވިސްގެ މީޑިއާ ސެލްގެ މަޢުލޫމާތު ދޭގޮތުގައި، މި ހާދިސާގައި ރޯވި އަލިފާން ނިއްވުމަށް 36 ޔުނިޓްގެ ފަޔަރ ފައިޓަރުން ބައިވެރިވެފައިވާއިރު، އިތުރު 5 ޔުނިޓް އެ މަސައްކަތުގައި ބައިވެރިވުމަށް ދަތުރުކުރަމުންދެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ އާމީއާއި، އެއަރ ފޯސް އަދި ނޭވީގެ އިތުރުން ބޯޑަރ ގާޑުގެ ދެ ޕްލެޓޫނެއްވެސް މި މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

ލޯކަލް ޓީވީ ރިޕޯޓުތަކުން ބުނާގޮތުގައި، ފަޔަރ ފައިޓަރުންނާއެކު އެހެން ބައެއް މީހުންވެސް މި މަސައްކަތުގައި ބައިވެރިވުމުގެ ތެރޭގައި ޒަޚަމްވެފައިވެއެވެ. ނަމަވެސް، އަލިފާން ރޯވި ސަބަބާއި ޒަޚަމްވި މީހުންގެ އަދަދާ ބެހޭ އިތުރު ތަފްޞީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މި ހަފްތާގެ ތެރޭގައި ދާކާއާއި ޗަޓަގޮންގ ޕޯޓު ސިޓީގައި ބޮޑެތި އަލިފާނުގެ ދެ ހާދިސާ ހިނގުމަށްފަހުގައެވެ. މީގެ ތެރޭގައި ވެރިރަށް ޑާކާގެ މިރްޕުރު ސަރަޙައްދުގައި ހުރި އަންނައުނު ފެކްޓަރީއެއްގައި ހިނގި ހާދިސާއެއްގައި މަދުވެގެން 16 މީހުން މަރުވެފައިވާއިރު، އަނެއް ހާދިސާ ހިނގާފައިވަނީ ޗަޓަގޮންގ އެކްސްޕޯޓް ޕްރޮސެސިންގ ޒޯނުގައެވެ.