މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރިއާ ކޮރީނާ މަޗާޑޯއަށް ދިނުމާ ގުޅިގެން އެމެރިކާގެ އެންމެ ބޮޑު މުސްލިމް ޖަމާއަތް، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސީއޭއައިއާރު އިން ފާހަގަކުރި ގޮތުގައި މިއަހަރުގެ ނޯބެލް ހަމަޖެހުމުގެ އިނާމު މެރިއާ ކޮރީނާ މަޗާޑޯއަށް ދިނުމަށް ނޯބެލް ކޮމިޓީން ނިންމި ނިންމުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. އެޖަމާއަތުން ބުނިގޮތުގައި މަޗާޑޯއަކީ އިސްރާއީލުގެ ހަރުކަށި ލިކުޑް ޕާޓީއަށް ތާއީދުކުރާ ފަރާތެއްގެ އިތުރުން، މިއަހަރުގެ ކުރީކޮޅު ޔޫރަޕުގެ ފެސިސްޓު ލީޑަރުންކަމުގައިވާ ގީރޓް ވިލްޑަރސް އަދި މެރީ ލޫ ޕެން ފަދަ މީހުންގެ ޖަލްސާއެއްގައި ބައިވެރިވެ ވާހަކަދެއްކި ފަރާތެކެވެ. އެ ޖަމްއިއްޔާއިން ފާހަގަކުރި ގޮތުގައި މި ޖަލްސާގައި 1500 ގެ އަހަރުތަކުގައި ސްޕެއިންގެ މުސްލިމުންނާއި ޔަހޫދީން ފޮހެލުމަށް ހިންގި ރިކޮންކިސްޓާއަށް އިޝާރާތްކޮށް އައު ރިކޮންކިސްޓާއަކަށް ގޮވާލާފައިވެއެވެ.
"ނޯބެލް ހަމަޖެހުމުގެ އިނާމަކީ އެމީހެއްގެ ޤައުމުގައި ޑިމޮކްރަސީއަށް ގޮވާލާ، އެހެންނަމަވެސް އެހެން ޤައުމުތަކުގައި ނަސްލުވެރިކަމާއި، ހަރުކަށި ވިސްނުމާއި ފެސިޒަމަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކަށް ދޭންޖެހޭ އިނާމެއް ނޫން،" ކެއަރ ނޭޝަނުން ބުންޏެވެ.
އެ ޖަމްއިއްޔާއިން މަޗާޑޯއަށް ގޮވާލާފައިވަނީ ލިކުޑް ޕާޓީއަށާއި ޔޫރަޕުގެ އިސްލާމް ދެކޮޅު ފެސިޒަމަށް ދެމުންދާ ތާއީދު ހުއްޓާލުމަށެވެ. އަދި އެކަން ނުކުރާނަމަ، ނޯބެލް ކޮމިޓީން އެ ނިންމި ނިންމުން އަލުން މުރާޖަޢާކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަޗާދޯއަށް ނޯބަލް ޞުލްޙައިގެ އިނާމު
ސީއޭއައިއާރުން އިތުރަށް ފާހަގަކޮށްފައިވަނީ ނޯބެލް ހަމަޖެހުމުގެ އިނާމު ކޮމިޓީން މިވަގުތު ދެނެގަންނަންވީ ފަރާތްތަކަކީ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކާ ދެކޮޅަށް އެމީހުންގެ ކެރިއަރއާއި ފުރާނައަށް ނުރައްކާވާގޮތަށް މަސައްކަތްކުރަމުންދާ ދަރިވަރުންނާއި، ނޫސްވެރިންނާއި، އެކްޓިވިސްޓުންނާއި، މެޑިކަލް ފަންނުވެރިން ކަމަށެވެ.
"ސީއޭއައިއާރު ނޭޝަން" ނުވަތަ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު) އަކީ އެމެރިކާގައި ފާހަގަކޮށްލެވޭ، ނޮން ޕްރޮފިޓް، ގްރާސްރޫޓް މުސްލިމުންގެ މަދަނީ ހައްގުތަކާއި ވަކާލާތުކުރާ އެންމެ ބޮޑު ޖަމާއަތެވެ. މި ޖަމާއަތުގެ މިޝަން އަކީ އިސްލާމްދީނުގެ ވިސްނުން އިތުރުކުރުމާއި، މުސްލިމުންނާއި އެމެރިކާގެ ހުރިހާ ރައްޔިތުންނަށް މަދަނީ ހައްގުތައް ހިމާޔަތްކުރުމާއި، އިންސާފު ކުރިއެރުވުމާއި އަދި އެމެރިކާގެ މުސްލިމުން ސިޔާސީ އަދި އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރުވެރިކުރުވުމެވެ.
ސީއޭއައިއާރުގެ މައި އޮފީސް ހުންނަނީ ވޮޝިންޓަން ޑީސީގައެވެ. އަދި މުޅި އެމެރިކާގައި ސަރަހައްދީ އޮފީސްތައް ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!