ފުލުހުންނާމެދު ނަފުރަތު އުފެދޭގޮތަށް އަދި ބިރުހީވާގޮތަށް ޢަމަލުކުރާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ 3 އޮކްޓޯބަރ 2025 މާލޭގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން މަގުމައްޗަށް ނިކުމެ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގަން ފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ޤާއިމުކުރުމަށް މަސައްކަތްކުރިކަމަށެވެ.
މި ހާދިސާއާ ގުޅިގެން، ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންނާއި އެ ފުލުހުންގެ ޢާއިލާގެ މެންބަރުންގެ ޒާތީ މަޢުލޫމާތު ސޯޝަލް މީޑިއާގައި ޢާންމުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޤާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއްގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން، އެ އޮފިސަރަކަށް ނުވަތަ އޭނާގެ ޢާއިލާއަށް ނަފުރަތު އުފެދޭ ގޮތަށް ނުވަތަ ބިރުދައްކާ ގޮތަށް އެއްވެސް ޢަމަލެއް ހިންގައިފިނަމަ، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
"މި ޚިދުމަތުގެ އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ," ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ޤާނޫނު ހިންގުމަށް ހުރަސްއެޅުމަށް ކުރާ ޢަމަލުތަކަކީ މާއްދީގޮތުން ނުވަތަ އެހެން ގޮތަކުން ވިޔަސް ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަންކަން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!