ކޮލޮމްބިއާގައި ތިބި އިޒްރޭލުގެ ހުރިހާ ޑިޕްލޮމެޓުން ބޭރުކުރައްވާނެ ކަމަށް އެޤައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ އިޢުލާނުކުރަށްވައިފިއެވެ.
ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ހިމެނެނީ ޖެހިލުންކުޑަކަމާއެކު އިޒްރޭލާ ދެކޮޅަށް އެންމެ ހަރުކަށި ގޮތެއްގައި ވާހަކަދައްކަވާ ދައުލަތުގެ އިސްވެރިންގެ ތެރޭގައެވެ.
އެޤައުމުގައި ތިބި އިޒްރޭލުގެ ހުރިހާ ޑިޕްލޮމެޓުން ބޭރުކުރައްވާނެ ކަމަށް އިޢުލާނުކުރެއްވުމަކީ، ޣައްޒާގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޢަމަލުތަކާ ގުޅިގެން 2024 ވަނަ އަހަރުގެ މޭ މަހު އިޒްރޭލާއެކު ރަސްމީކޮށް ގުޅުން ކަނޑާލެއްވުމަށްފަހު، ރައީސް ޕެޓްރޯ އިޒްރޭލާމެދު ގެންގުޅުއްވާ ހަރުކަށި ސިޔާސަތު ދައްކުވައިދޭ ކަމެކެވެ.
އިޒްރޭލުގެ ސަފީރު ކޮލޮމްބިއާގައި ނޫޅޭތާ މަސްތަކެއްވެފައިވީ ނަމަވެސް، ބައެއް ޑިޕްލޮމެޓިކް މަސައްކަތްތަކާއި ކޮންސިއުލަރ ޚިދުމަތްތައް އަދިވެސް އެ ޤައުމުގައި ދެމުންދެއެވެ. މި އާ ނިންމެވުމާއެކު، ކޮލޮމްބިއާގައި ބާކީ ތިބި މަދު ޑިޕްލޮމެޓުން ވެސް ބޭރުކުރެވޭނެއެވެ.
މީގެ އިތުރުން ރައީސް ޕެޓްރޯ ވަނީ 2020 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ އިޒްރޭލާއި ކޮލޮމްބިއާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމަވާފައެވެ. މިއީ އަންނަ 6 މަސްދުވަހުގެ ތެރޭގައި އެ އެއްބަސްވުން ހުއްޓާލުމަށް މަގުފަހިކޮށްދޭނެ ރަސްމީ ފެށުމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ނިންމެވުމަކީ، އިޒްރޭލާ ދެކޮޅަށް ރައީސް ޕެޓްރޯ ނިންމަވާފައިވާ ނިންމެވުންތަކުގެ ސިލްސިލާގެ އެންމެ ފަހުގެ ކަންތަކެވެ. އިޒްރޭލަށް ކުރާ ހުރިހާ ކޯލް އެކްސްޕޯޓްތަކެއް ވެސް ހުއްޓާލަން ކޮލަމްނިއާ އިން މަސައްކަތްކުރައްވަމުންދާ އިރު، ދާދި ފަހުން އެ ޤައުމާއެކު އޮތް އަސްކަރީ ގުޅުންވެސް ކޮލަމްބިއާ އިން ވަނީ ކަނޑާލާފައެވެ.
މި ކަންތައްތައް މިހެން ހިނގާފައިވަނީ، ރައީސް ޕެޓްރޯގެ އެމެރިކާގެ ވިސާ ބާޠިލުކުރިތާ ހަފްތާއެއް ފަހުންނެވެ. އެމެރިކާ އިން ޕެޓްރޯގެ ވިސާ ކެންސަލް ކުރީ، އދ. ގެ ޖެނެރަލް އެސެމްބްލީގައި އިޒްރޭލާ ދެކޮޅަށް ވަރަށް ހަރުކަށި ވާހަކައެއް ދެއްކެވުމުގެ އިތުރުން، ޖެނެރަލް އެސެމްބްލީގެ ބޭރުގައި ބޭއްވުނު ފަލަސްޠީނަށް ތާއީދުކުރާ ހިނގާލުމެއްގައި ބައިވެރިވެ، އަނެއްކާވެސް އިޒްރޭލުގެ ބޮޑުވަޒީރަށް ބަހުގެ ހަމަލާދެއްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް ބަހުގެ ހަމަލާދެއްވާ، އިސްރާއީލުން ދަނީ ޣައްޒާގައި ނަސްލުނައްތާލަމުންކަމަށާއި އެކަމުގައި ޓްރަމްޕްވެސް ބައިވެރިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!