ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ ފްލޮޓިލާއެއްގެ މަދުވެގެން ތިން އުޅަނދު މިވަގުތު އިސްރާއީލްގެ އަޝްދޯދް ބަނދަރުގައި ހިފަހައްޓާފައިވާ ކަމަށް އަލްޖަޒީރާގެ ފެކްޓް-ޗެކިންގ އޭޖެންސީން ކަށަވަރުކޮށްދީފިއެވެ.
މި އުޅަނދުތައް ހިފަހައްޓާފައި ވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން، އިސްރާއީލުން ޣައިރު ޤާނޫނީ ގޮތެއްގައި އިންޓަރސެޕްޓްކުރުމަށްފަހު ދެކުނަށް ގެންގޮސް ކަމަށް އެ ފްލޮޓިލާއިން ވަނީ ބުނެފައެވެ.
މެރިން ޓްރެފިކް ވެބްސައިޓުން ލިބޭ ޓްރެކިންގ މަޢުލޫމާތުން ދައްކާގޮތުގައި، ގްރީސް ދިދަ ނަގައިގެން ދަތުރުކުރި "ކެޕްޓަން ނިކޯސް" އަދި ސްޕެއިން ދިދަ ނަގައިގެން ދަތުރުކުރި "އެސްޓްރެއްލާ އި މެނުއެލް" އަދި "އަދާރާ" ނަމަކަށް ކިޔާ އުޅަނދުތައް، އިސްރާއީލްގެ ދެކުނަށް ގެންގޮސް، ފަހުން އަޝްދޯދް ބަނދަރަށް ގެންގޮސްފައިވެއެވެ.
ސުމޫދު ފްލޮޓިލާއިން ބުނެފައިވަނީ، ޣައްޒާއަށް ދަތުރުކުރަމުންދަނިކޮށް އިސްރާއީލްގެ ކަނޑުގެ ބާރުތަކުން "ކެޕްޓަން ނިކޯސް" އާއި އެހެން އުޅަނދުތައް "ޣައިރު ޤާނޫނީ" ގޮތެއްގައި އިންޓަރސެޕްޓްކޮށް އަރައި ހިފާފައިވާ ކަމަށެވެ.
ޔޫރަޕިއަން ޕާލިމެންޓުގެ މެންބަރެއް އަދި "ކެޕްޓަން ނިކޯސް" ގައި ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން މީހެއް ކަމަށްވާ ރީމާ ހަސަން، ކުރިން އިސްރާއީލުން އިންޓަރސެޕްޓްކުރި މަންޒަރުގެ ފޫޓޭޖެއް ހިއްސާކޮށްފައިވެއެވެ. އަދި އޭނާ ބުނެފައިވަނީ، އެކްޓިވިސްޓުން ބައިނަލްއަޤްވާމީ ކަނޑުގައި އިސްރާއީލްގެ ސިފައިން "ޣައިރު ޤާނޫނީ" ގޮތެއްގައި ހިފަހައްޓާފައިވާ ކަމަށެވެ.
މި ހާދިސާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ކުށްވެރިކޮށްފައެވެ. ދުނިޔޭގެ ލީޑަރުންނާއި އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން، ޣައްޒާއަށް ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާ އިސްރާއީލުން އިންޓަރސެޕްޓްކުރުން "ޤާނޫނާ ޚިލާފު" ކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އުޅަނދުތައް ޣައްޒާއާ ކައިރިވަމުން ދިޔައިރު، އުޅަނދުތަކުގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސުމޫދު ފްލޮޓިލާއިން ވަނީ ލައިވް ވީޑިއޯ ލިބެން ހުރިކަން ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުން ބުނެފައިވަނީ، ހަނގުރާމައިގެ ވޭނުގައިވާ ޣައްޒާއަށް ރަމްޒީގޮތެއްގައި އެހީ އުފުލައިގެންދިޔަ 24 އުޅަނދުގެ ތެރެއިން އެއް އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މިހާރު ހިފާފައިވާ ކަމަށާއި، އަދި އެތައް އެކްޓިވިސްޓުންނެއް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
އިސްރާއީލުން ވަނީ ޣައްޒާއަށް ދަތުރުކުރާ ފްލޮޓިލާ ހުއްޓުވާނެކަމަށް ބުނެފައެވެ. އެ ޤައުމުން ބުނެފައިވަނީ، "ޤާނޫނީ ގޮތުން ކަނޑުގެ ބްލޮކޭޑެއް އޮތް ސަރަޙައްދަކަށް ވަނުމަށް މަސައްކަތްކުރަމުން" ދާ ކަމަށެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުގައި އިންސާނީ ޙައްޤުތަކާއި އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދޭންޖެހޭނެކަން ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!