ޣައްޒާއަށް އިންސާނީ އެހީ ހިފައިގެންދާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތަކަށް އިޒްރޭލުން ހުރަސްއެޅުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މި މައްސަލައާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ކަނޑުގައި ދަތުރުކުރަމުންދިޔަ، ހަތިޔާރު ނުގެންގުޅޭ މަދަނީ އުޅަނދުތަކެއް ކަމުގައިވާ ގްލޯބަލް ސުމޫދު ފްލޮޓިލާ އިޒްރޭލުން ހުއްޓުވާލުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ބިރުދެއްކުންތައް ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

Ad
rt

"މިނިވަންކަމާއި އަސާސީ ޙައްޤުތަކުން މަޙްރޫމްވެފައިވާ ބަޔަކަށް އެހީ ފޯރުކޮށްދޭން ދިޔަ އިންސާނީ އެހީގެ ޤާފިލާއަކަށް އަމާޒުކުރުމަކީ އިންސާނިއްޔަތަށާއި ބައިނަލްއަޤްވާމީ ޤާނޫނަށް ކުރެވޭ ނުރައްކާތެރި ފުރައްސާރައެކެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންސާނީ ޤަދަރަށް ތަކުރާރުކޮށް އިޙްތިރާމް ނުކުރުމާއި، ރަޙުމާއި ހަމްދަރުދީ ނުދެއްކުމުގެ ސަބަބުން، އިޒްރޭލުވަނީ ދުނިޔޭގެ އެހެން ޤައުމުތަކާ އިތުރަށް އެކަހެރިވެފައެވެ.

މި މައްސަލައިގައި ރައީސް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ. އެގޮތުން، އިންސާނިއްޔަތުގެ އަޚްލާޤީ މިންގަނޑުތަކުން މާ ދުރަށް ގޮސްފައިވާ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ އިޒްރޭލުން ތަކުރާރުކޮށް ކުރަމުންދާ ހަރުކަށި ޚިލާފުވުންތަކާ ދެކޮޅަށް ޙަރަކާތްތެރިވުމަށް ގޮވާލައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ އިންސާނީ ޙައްޤުތަކާއި، ޢަދުލު އިންސާފާއި، ސުލްޙައާއި، ސަލާމަތްތެރިކަމަށްޓަކައި ފަލަސްޠީނު ރައްޔިތުން ކުރަމުންދާ އިންސާފުވެރި މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިތިބޭނެކަމަށް ވިދާޅުވާވިދާޅުވުން ތަކުރާރުކުރަށްވާފައެވެ.