ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ތައުރީފް ކުރަށްވައިފިއެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޗައިނާ އަކީ ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ދިވެހިރާއްޖެ އާއި މި ނޫންވެސް ކުދި ޖަޒީރާ ޤައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއެކެވެ.

ގިނަ ޤައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރު ރައީސް ފާހަގަކުރެއްވިއެވެ. އަދި ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ޗައިނާގެ ތާރީޚު ސިފަކުރައްވާފައިވަނީ، ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ޤާބިލުކަމުގެ މިންނެތް ރޫޙުގެ ރިވާޔަތެއްގެ ގޮތުގައެވެ.

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކީ ހަމައެކަނި ދެ ޤައުމުން ވެފައިވާ އެއްބަސްވުންތައް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ޤައުމުން ހިއްސާކުރާ ތަޖުރިބާތަކާއި، އެކުގައި ކުރާ ދަތުރުތަކާއި، ދެ ޤައުމުގެ ދެމެދު ޤާއިމުވެފައިވާ އިޚުލާޞްތެރި ރަޙުމަތްތެރިކަމުގެ ސަބަބުން އުފެދިފައިވާ އިތުބާރަކީވެސް، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަންކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި، އެއް މުޖުތަމަޢު އަނެއް މުޖުތަމަޢާ ގުޅުވައިދޭ ފާލަންތަކާއި، ދިވެހި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ޒުވާން ދިވެހި ދަރިވަރުން މުސްތަޤުބަލަށް ތައްޔާރުވާން ތިބޭ ކުލާސްރޫމްތަކުންވެސް މި ރަޙުމަތްތެރިކަން ފެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚުތިޔާރުކުރާ ޗައިނާގެ އެތައް ހާސް ރައްޔިތުންގެ އެހީގައި، ފަތުރުވެރިކަމުގެ ސިނާޢަތްވެސް ވެފައިވަނީ، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ، ދިރުންހުރި ފާލަމަކަށް ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސިޔާސީ، ޘަޤާފީ، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށާއި، ދެމެހެއްޓެނިވި އަދި އުފާފާގަތި މުސްތަޤުބަލަކަށް ދެ ޤައުމުން ހިއްސާކުރާ އަމާޒަށް ވާސިލުވުމުގައި، ގުޅިގެން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާފައެވެ.