ގައުމީ ތަރައްގީގެ މަޝްރޫއު އެކުލަވާލުމަށް މިހާތަނަށް 9 އަތޮޅެއްގެ 50 ރަށަކުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ.
ވިލުންތެރި ރާއްޖެ ޓީމުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާތަނަށް 5 އަތޮޅެއްގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި އައްޑޫ ސިޓީގެ 6 ރަށާއި، ފުވައްމުލައް ސިޓީ، ހއ. އަތޮޅުގެ 15 ރަށާއި، ވ. އަތޮޅުގެ 5 ރަށާއި، އދ. އަތޮޅުގެ 7 ރަށް ހިމެނެއެވެ.
މިހާރު މަޝްވަރާތައް ކުރިއަށްދަނީ ގދ. އަތޮޅާއި، މ. އަތޮޅާއި، ލ. އަތޮޅު އަދި ޅ. އަތޮޅުގައެވެ. ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ މަސައްކަތްތައް އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށްވަނީ އަމާޒު ހިފާފައެވެ.
ސެޕްޓެމްބަރު 17 ގައި ފެށުނު "ކުރިމަގު ސައްލާ" ބައްދަލުވުންތަކުގައި ރަށު އަދި އަތޮޅު ކައުންސިލްތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، ވިޔަފާރިވެރިންނާއި އަދި އާންމު ރައްޔިތުންނަށް ބައިވެރިވެވޭނެއެވެ.
މި ޕްލޭންގައި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށާއި، ތިމާވެށްޓަށާއި، އުމްރާނީ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން އަންނާނެ ބަދަލުތަކަށް ރިއާޔަތްކުރެވޭނެއެވެ. މި މަޝްރޫއުގެ މަސައްކަތް ވިލަރެސްކުރަނީ ރައީސް އޮފީހާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކަމަށްވާއިރު، މުޅި ޕްލޭން ޖެނުއަރީ މަހު އިފްތިތާހުކުރުމަށް ވަނީ ރޭވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!