މިދިޔަ ހަފްތާގައި ވޮޝިންގްޓަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމް ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމުން 'ހިތްވަރުލިބިދޭފަދަ' ނަތީޖާތަކެއް ނުކުންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާގޮތުގައި ލަންޑަނުގައި ބްރިޓިޝް-ޕާކިސްތާނީ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން، ޝަރީފް ވަނީ ޣައްޒާއާ ގުޅޭ ބައްދަލުވުމުގައި ފުރިހަމައަށް ބައިވެރިވެފައިވާނެކަމަށާއި، ހިތްވަރުދޭފަދަ ނަތީޖާތައް އަވަހަށް ފެންނާނެކަމަށް ވިދާޅުވެފަވެއެވެ.
"އަޅުގަނޑުމެން ޣައްޒާއާ ގުޅޭ ބައްދަލުވުމުގައި ފުރިހަމައަށް ބައިވެރިވެފައިވާނެ. އިރާދަކުރެއްވިއްޔާ، އޭގެ ހިތްވަރުދޭފަދަ ނަތީޖާތައް އަވަހަށް ފެންނާނެ" ޝަރީފް ވިދާޅުވެފަވެއެވެ.
ޓްރަމްޕް އިސްނަންގަވައިގެން ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީއާ ގުޅިވަޑައިގެން ބޭއްވެވި މި ސަމިޓް ބޭއްވުނީ މިދިޔަ ހަފްތާގައި ނިއު ޔޯކުގައި ބޭއްވުނު އދ.ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ތުރުކީގެ ރައީސް ރެޖެޕް ޠައްޔިބް އަރްދޯޣާން، ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ، އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، މިޞްރުގެ ބޮޑުވަޒީރު މުޞްޠަފާ މަދްބޫލީ، ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒާޔިދު އާލް ނަހްޔާން، އަދި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްހާން ހިމެނިވަޑައިގަންނަވައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ލީޑަރުން މި ބައްދަލުވުން ސިފަކޮށްފައި ވަނީ "މުހިންމު" ބައްދަލުވުމެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!