ކޮޅުމަޑުލު ވިލުފުށީގައި އަލަށް ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، އަދި އެރަށުގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުމަޑުލު ވިލުފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، މާދަމާއިން ފެށިގެން އެރަށު އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މި އެއަރޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް ހިމެނޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް މާދަމާ ފެށޭނެއެވެ. އަދި 18 މަސްދުވަހުގެ ތެރޭގައި ޒަމާނީ ފެންވަރުގެ ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ތަރައްގީކޮށް ނިންމައިދެއްވާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރަށުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ނިމިފައިވާ ހައުސިންގ ޔުނިޓުތަކަށް އަސާސީ ޚިދުމަތްތައް ގުޅައި، މި އަހަރުގެ ނިޔަލަށް ޙައްޤުވެރިންނާ ހަވާލުކުރެވޭނެ ކަމަށާއި، އަދި އަންނަ އަހަރު 100 ހައުސިންގ ޔުނިޓު އިތުރަށް އެޅުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ.
ވިލުފުށީގެ ތަރައްޤީއަށް ކުރިއަށްގެންދެވޭ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ޤާއިމުކުރުމާއި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމާއި، ބަނދަރު ފުޅާކުރުމާއި، މަގުހެދުމާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި މިރޭގެ ޖަލްސާގައި ވަނީ ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!