ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ރެއާލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ރޭ މެޗުން ރެއާލް މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި މިހާތަނަށް ރެއާލުން ފަސް މެޗު ކުޅެފައިވާއިރު، އެ ފަސް މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ.

Ad
rt

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ބާސާއަށް 4 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ރޭ ބަލިވި އެސްޕަނިޔޯލް އޮތީ ހަތަރުވަނާގައެވެ. އެ ޓީމަށް 5 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލަށް ފުރަތަމަ ލަނޑު ޖަހައިދިނީ މިލިޓާއޯއެވެ. އޭރިއާބޭރުން މިލިޓާއޯ ފޮނުވާލި ބާރު ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ރެއާލުން ދެ ވަނަ ގޯލު ޖަހައި، ލީޑުފުޅާކުރި އެވެ. މި ލަނޑު ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ކީލިއަން އެމްބާޕޭއެވެ. މެޗުގެ 47 ވަނަ މިނިޓްގައި އެސްޕަންޔޯލް ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި، ރެއާލްގެ ވިނީޝިއުސް ޖޫނިއާ ދިން ބޯޅަ އެމްބާޕޭ ވަނީ ގޯލަށް ފޮނުވާލައިފައެވެ. މިއީ މި ސިޒަނުގެ ހުރިހާ މުބާރާތަކަށް ބަލާއިރު، އެމްބާޕޭ ޖެހި ހަތް ވަނަ ލަނޑެވެ.