ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއި ލޯނު ދޫކުރުމުގެ ސްކީމެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ސްކީމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދެއް ކަމަށާއި، މި ސްކީމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށެވެ.
މި ލޯނު ސްކީމްގެ މައިގަނޑު މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ފާހަގަކުރައްވާފައިވެއެވެ.
މި ސްކީމްގެ ދަށުން މީޑިއާ ކޮންޓެންޓް، އޯޑިއޯ އަދި ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރުން ސޭލްސް އަދި މާކެޓިންގ އާ ގުޅުންހުރި ކޮންޓެންޓް ކްރިއޭޓަރުންނަށް ފުރުސަތު ލިބިގެންދާނެއެވެ.
މި ސްކީމަކީ ރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީ އިތުރަށް ކުރިއެރުވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މި ސްކީމްގެ ސަބަބުން ގިނަ ޒުވާނުންނަށް އެމީހުންގެ ހުނަރާއި ޤާބިލްކަން އިތުރަށް ތަރައްޤީކޮށް، ވިޔަފާރީގެ މައިދާނަށް ނުކުތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!