ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ފޯމިއުލާ ރަށުގެ ބޮޑުމިނަށް ރިޢާޔަތްކުރާ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުކަމަށެވެ.

Ad
rt

ރައީސް ވިދާޅުވީ، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތް މަދުނޫންކަމަށެވެ. އެހެންކަމުން، މިހާރުގެ ފޯމިއުލާގެ ސަބަބުން އެފަދަ ކައުންސިލްތަކަށް ގެއްލުންވަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ބަދަލު 2026 ވަނަ އަހަރުގެ ބަޖެޓަށް ހުށަހެޅުމަށް ވާނީ ނިންމާފައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުރުން އަންނަ އަހަރު ބަޖެޓަށް ހުށަހަޅުއްވާ ދެ ބަދަލުގެ ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކޮށް، ރޯދަ އިނާޔަތް ކައުންސިލް ބަޖެޓުން ދިނުމަށް ނިންމަވާފައިވާކަން ރައީސް ވަނީ މިރޭ ޢިއުލާންކުރަށްވާފައެވެ.