ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭ ބޭއްވި، އާންމު ރައްޔިތު ބައްދަލުވުމަށް ހާޒިރުވެފައި ވަނީ އެންމެ 3 މީހުންނެވެ.
21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 21:00 ގައި ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި، ރައްޔިތު ބައްދަލުވުން އޮންނާނެކަން އެ ކައުންސުލުން އިއުލާން ކޮށްފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ރައްޔިތު ބައްދަލުވުމުގައި ހަނިމާދޫ ކައުންސިލަށް ލިބޭ އަމްދަނީ އިން ކުރާ ހަރަދުގެ ތަފްސީލް ހާމަކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކައުންސިލާއި ގުޅުންހުރި ކަމެއްގައި އެއްވެސް ސުވާލެއް ކުރަން ބޭނުންވާނަމަ އޮގަސްޓް 17 ވަނަ ދުވަހުގެ 13:00 ކުރިން އެ ސުވާލެއް ކައުންސިލަށް ފޮނުވުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ހަނިމާދޫ ކައުންސިލުން ބާއްވާ ރައްޔިތު ބައްދަލުވުންތަކަށް އޮންނަ ތަރުހީބު ވަރަށް ބޮޑަށް މިވަނީ ކުޑަވެފައެވެ. މިއީ މިހާމަދުން ރައްޔިތުން ބައްދަލުވުމަށް މީހުން ހާޒިރުވި ފުރަތަމަ ފަހަރެއް ނޫނެވެ. އެ ކައުންސިލުން 2023 ވަނަ އަހަރުގެ ޖުލައި މަހު 24 ވަނަ ދުވަހުގެ ރޭ ބޭއްވި އާންމު ރައްޔިތު ބައްދަލުވުމަށް ހާޒިރުވެފައި ވަނީ އެންމެ ދެ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!