ދިވެހިރާއްޖޭގައި އެކައުންޓިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ދެ މުއައްސަސާ ގުޅިގެން ދާއިރާގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމާއި، ގަވާއިދުތައް އެކުލަވައިލުމާއި، ދާއިރާގެ ފަންނުވެރިންގެ ގާބިލުކަން އިތުރުކުރުމާއެކު އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ، "މި އެއްބަސްވުމަކީ މުޅި ޤައުމުގައި އެކައުންޓިންގ އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް" ކަމަށެވެ. އަދި ސީއޭ މޯލްޑިވްސްއާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ގާބިލުކަން އިތުރުކޮށް، ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއަރުވައި، ދިވެހިރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން ކަމުގައި ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެކައުންޓިންގ އަދި މާލީ ދާއިރާގައި ހުނަރާއި، މައުލޫމާތާއި، އަދި އަހުލާގީ މިންގަނޑުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމާއެކު ދެ މުއައްސަސާއަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ދުރު މުސްތަގްބަލަކަށް ފައިދާ ހޯދައިދިނުމެވެ.
ފާއިތުވި އަހަރު، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް (އެމްއޭއެފް) ބޭއްވުމަށްޓަކައި ސީއޭ މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ފޯރަމްގެ މަގުސަދަކީ އެ އިންސްޓިޓިއުޓްގެ މެންބަރުންނާއި، ދިވެހިރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!