އޭ-ލެވެލް އިމްތިހާނުތަކުން 24 އޭ ރިޕޯޓު ހާސިލްކޮށް، އެއް ދަރިވަރަކަށް މިހާތަނަށް ދެވުނު އެންމެ ގިނަ އޭ ގްރޭޑްގެ ދުނިޔޭގެ ރެކޯޑު ޕާކިސްތާން ކުއްޖެއްކަމަށްވާ މަހްނޫރު ޗީމާ ހޯދައިފި އެވެ.

މި ފާހަގަކޮށްލެވޭ ކާމިޔާބީގެ ސަބަބުން އޭނާއަށް ވަނީ އޮކްސްފޯޑް ޔުނިވަރސިޓީގެ އެކްސެޓަރ ކޮލެޖުން ޖާގައެއް ލިބި، އޮކްޓޯބަރު މަހު މެޑިސިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބިފައެވެ.

Ad
rt

މަހްނޫރު މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ މިއީ "ހުވަފެނެއް ޙަޤީޤަތަކަށް ވުން" ކަމަށާއި އޭނާގެ ތަޢުލީމީ ދަތުރުގެ އާ ބާބެއް ފެށުން ކަމަށެވެ. އޭނާގެ ބައްޕަ، ބެރިސްޓަރ އުސްމާން ޗީމާ ބުނެފައިވަނީ މަހްނޫރުގެ މި ކާމިޔާބީއަކީ ދުނިޔޭގެ ހަތަރު ރެކޯޑު މުގުރާލެވުނު ކާމިޔާބީއެއް ކަމަށެވެ.

2023 ގެ ކުރީކޮޅު މަހްނޫރު ވަނީ ސެކަންޑަރީ އެޑިއުކޭޗަން (ޖީސީއެސްއީ) އިމްތިހާނުން ޖުމްލަ 34 މާއްދާއިން ފާސްވެ، ސުރުޚީތަކަށް އަރާފައެވެ. އޭނާ ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް 17 މާއްދާއިން އޭ* ގްރޭޑް ހާސިލްކޮށް، ފަހުން އިތުރު 17 މާއްދާ ފުރިހަމަކޮށް، ޔޫކޭ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިހާތަނަށް ނުދެކޭ ރެކޯޑެއް ހޯދާފައެވެ.

ޖޮއިންޓް ކައުންސިލް ފޮރ ކޮލިފިކޭޝަންސް (ޖޭސީކިއު) އިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު ޔޫކޭގައި އޭ-ލެވެލްތަކުގެ 28.3 ޕަސެންޓަށް އޭ ނުވަތަ އޭ* ގްރޭޑް ދެވިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 27.8 ޕަސެންޓާ އަޅާބަލާއިރު 0.5 ޕަސެންޓް ޕޮއިންޓްގެ އިތުރުވުމެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މަހްނޫރުގެ މި ކާމިޔާބީއަށް މަރުޙަބާ ކިޔުއްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މަހްނޫރުގެ 24 އޭ-ލެވެލް ޑިސްޓިންކްޝަން އަދި 4 ދުނިޔޭގެ ރެކޯޑު ހޯދުމާއިއެކު، ފާހަގަކޮށްލެވޭ ތަޢުލީމީ މަރުކަޒަކުން ޖާގަ ލިބުމަކީ އެހެން ކުދިންވެސް އެކަމުން އިބުރަތް ހާސިލްކުރަން ޖެހޭކަމެއްކަމަށް ފާހަގަކޮށް ހިތްވަރުދެއްވާފަ އެވެ.