ދޮންފަނުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ނަމަވެސް މުވައްޒަފުން ހޯދައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތުގެ ކޮންޓެކްޓަރަށް އަންގަވާފައިވާކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މުޢިއްޒު ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 11 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހަވީރު ދޮންފަނަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގޮތުގައި ދޮންފަނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާއި ނަރުދަމާގެ މައްސަލަކަމަށެވެ.

Ad
rt

މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ޙަވާލުކުރެވިފައިވާ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތްކުރާނެ މުވައްޒަފުން ނުލިބުންކަން ފާހަގަކުރަށްވައި، މި މައްސަލަ ހައްލުކުރުމަށްޓަކައި ރަށުން ބޭރުންނާއި ރާއްޖެއިން ބޭރުން ނަމަވެސް މުވައްޒަފުން ހޯދުމަށް އެ މައްސަކަތުގެ ކޮންޓެކްޓަރ، އެމް.ޑަބްލިޔު.އެސް.ސީ އަށް އަންގަވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދޮންފަނުގައި ދެ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދޮންފަނު ސްކޫލްގެ 6 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލާއި، ލައިބްރަރީ އަދި ސައިންސް ލެބް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ދޮންފަނު ބަނދަރު ނެރު ބަދަލުކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމެވެ.

މި އެއްބަސްވުންތަކަށް އިޝާރާތްކުރަށްވައި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިން އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ފުޓްސަލް ދަނޑާއި ހޭންޑްބޯލް ކުޅެވޭނެ ދަނޑެއް ހެދުމުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ވޮލީ ކޯޓަކާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ހިމަނައި އެ މަސައްކަތް ފައްޓަވައިދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދޮންފަނުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައިވެއެވެ.