ބ. ކިހާދޫގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ އަދި ގެންދަވަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށުގެ ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.

ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މުޢިއްޒު ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 10 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ކިހާދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، މިއަދު ސޮއިކުރެވުނު ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢުގައި ސައިންސް ލެބާއި އެހެނިހެން މުހިންމު ވަސީލަތްތައް ހިމެނޭނެއެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ ތަޢުލީމީ ނިޒާމަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ނިމިފައިވާ މަސައްކަތުގެ އިތުރުން، ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ. އަދި ފެނަކައިގެ އައު އިމާރާތާއި އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތްވެސް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ސިއްޙީ ދާއިރާއަށް ބަލާއިރު، މި އަހަރު ތެރޭގައި އެމްބިއުލާންސެއް ހަމަޖައްސައިދެއްވުމާއެކު، އަންނަ އަހަރު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކުޅިވަރުގެ ދާއިރާއިން ފުޓުބޯޅަ ދަނޑު ފުރިހަމަކުރުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކިހާދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

މި ހުރިހާ މަޝްރޫޢުތަކަކީވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ކިހާދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.