ބ. ކެންދޫގައި ބަނދަރު ތަރައްޤީކުރުމަށާއި ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

119.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ކެންދޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައެވެ.

Ad
rt

450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 9,854 ކޮޑި މީޓަރުގެ ވެލި ބަނދަރު އަދި ނެރު ފުންކުރުމާއި، 112,016 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކުން ހިމެނެއެވެ.

މީގެއިތުރުން، 278 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 10 މޫރިންގ ބޮއި ހަރުކުރުމާއި، ރޭމްޕް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވޭނެއެވެ. އަދި ޖެޓީ އެޅުމާއި، 62 މީޓަރުގެ ފައިކަށި ޖެހުމާއި، 29 މީޓަރުގެ ނެރު ފައިކަށި ޖެހުމާއި، 9 ބަނދަރު ބައްތި އަދި 2 ނެރު ބައްތި ހަރުކުރުންވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން އެއްގަމު ތޮށި ވަށައިގެން 5 މީޓަރު ފުޅާމިނުގެ ޕޭވްމަންޓެއް އެޅުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.

މި މަޝްރޫޢު ނިމުމުން ކެންދޫގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.