މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ޣައްޒާގެ ބިންތައް ފޭރިގަންނަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލީ މީޑިއާއިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާތީ ފާޑުކިޔުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ނެތަނިޔާހޫ ވަނީ ޣައްޒާގައި ފުރިހަމަ އަސްކަރީ އޮކިއުޕޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

Ad
rt

އަނަދޯލު އެޖެންސީގެ ރިޕޯޓުގައިވާ ގޮތުން، އިސްރާއީލްގެ މީޑިއާއިން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނަތަނިޔާހޫއަށް ފުޅާ ދާއިރާއެއްގައި ހަމަލާތައް ކުރިއަށް ގެންދިއުމަށް "ހުއްދަ" ދީފައެވެ.

ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ހޯދުމުގެ ޕްލޭނަށް ތާއީދު ހޯދުމަށްޓަކައި ނަތަނިޔާހޫ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ސަރުކާރާއި އަސްކަރީ ލީޑަރޝިޕްއާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ނަތަނިޔާހޫއާ ގާތް ސީނިއަރ އޮފިޝަލެއްގެ ހަވާލާދީ އިސްރާއީލީ ނިއުސް ވެބްސައިޓް ޔްނެޓްގައި ބުނެފައިވަނީ، "ނިންމުން ނިމިއްޖެ - އަޅުގަނޑުމެން ގައްޒާ ސްޓްރިޕް ފުރިހަމައަށް އޮކިއުޕައި ކުރަން ދަނީ" ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމަ 22 ވަނަ މަހާ ގާތްވަމުން އަންނަ ދަނޑިވަޅުގައި، ޣައްޒާގައި އިތުރު ފިޔަވަޅުތަކެއް އެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓް އެއްކުރުމަށް ޕްލޭންކުރަމުން އަންކަމަށް ނަތަނިޔާހޫ ވަނީ ކުރިން ބުނެފައެވެ.

އާދީއްތަ ދުވަހު އާންމުކުރި ވީޑިއޯ މެސެޖެއްގައި، ނަތަނިޔާހޫ ވަނީ ފަލަސްތީނުގެ ހަމާސްއިން މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް އިންކާރުކުރަމުން ގެންދާ ކަމަށްބުނެ ދޮގު ހަދާފައެވެ. ހަމާސްއިން އަބަދުވެސް ބުނަމުން އަންނަނީ މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަމަށެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އެމެރިކާ އާއި ހުޅަނގުގެ މަދަދާއިއެކު ގާއިމުކޮށްފައިވާ ދައުލަތެކެވެ.