ސެކަންޑަރީ ސުކޫލު ސެޓްފިކެޓު (އެސްއެސްސީ) ގައި ގުރުއާން މާއްދާއިން ޓެސްޓު ހަދަން ޖެހޭތީ ބައެއް ބެލިނިވެރިން ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

ބެލެނިވެރިންގެ ފަރާތުން އެ ޕެޓިޝަން ސްޕޮންސާކޮށް މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

Ad
rt

2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ޕެޓިޝަން އިއްވަވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕެޓިޝަނުގައި ޖުމްލަ 18 ސުކޫލަކުން 400 ބެލެނިވެރިން ސޮއިކޮށްފައިވާ ކަމަށާއި އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންގެ ތެރެއިން ސްޓްރީމްތައް ކަނޑައެޅި އިރު ކިޔަވަން ޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން މި މާއްދާ ހިމެނިފައި ނުވާއިރު ކުއްލިއަކަށް އެ މާއްދާ މަޖުބޫރު ކުރުމުން ދިމާވާނެ ދަތިތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ، އދ. ހެނބަދޫ ސުކޫލުން 33 ބެލެނިވެރިއަކާއި، ކަލާފާނު ސުކޫލުން 64 ބެލެނިވެރިއަކާއި، މަޖީދިއްޔާ ސުކޫލުން 7 ބެލެނިވެރިއެކެވެ.

މީގެ އިތުރަށް އަހުމަދިއްޔާ ސުކޫލުން 15 ބެލެނިވެރިން، ޖަމާލުއްދީން ސުކޫލުގެ 9 ބެލެނިވެރިން އަދި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސުކޫލްގެ 53 ބެލެނިވެރިނާއި، އަމީނިއްޔާ ސުކޫލުން 25 ބެލެނިވެރިން ވަނީ ޕެޓިޝަންގައި ސޮއިކޮށްފަ އެވެ.

މި ޕެޓިޝަންގައި ތާޖުއްދީން ސުކޫލުން 2 ބެލެނިވެރިން، އަދި އިސްކަންދަރު ސުކޫލުން 20 ބެލެނިވެރިން، ރެހެންދި ސުކޫލުން 11 ބެލެނިވެރިން، އަދި ހުރަވީ ސުކޫލުން 47 ބެލެނިވެރިން އަދި ބްރައިޓްވޭ ސުކޫލުން 14 ބެލެނިވެރިން، ޣާޒީ ސުކޫލުން 18 ބެލެނިވެރިން ސޮއިކޮށްފައިވެއެވެ. އަދި ހދ. ހަނިމާދޫ ސުކޫލުން 1 ބެލެނިވެރިއަކު، ޣިޔާސުއްދީން ސުކޫލުން 3 ބެލެނިވެރިން އަދި ބްރިޖް ލާނިންގ އިން 1 ބެލެނިވެރިއަކު ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން 1 ބެލެނިވެރިއަކު މި ޕެޓިޝަންގައި ސޮއިކޮށްފައިވެ އެވެ.

މި ޕެޓިޝަންގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ 2020 ގައި ގްރޭޑް 10ގައި އުޅޭ ކުދިންގެ ސްޓްރީމްތައް ކަނޑައެޅި އިރު ކިޔަވަންޖެހޭ މަޖުބޫރު މާއްދާތަކާއި އިހުތިޔާރީ މާއްދާތަކުގައި ޤުރުއާން މާއްދާ ހިމެނިފައި ނުވާ ކަމަށެވެ.

އެހެންކަމުން ކުއްލިއަކަށް އެ ގްރޭޑްގެ ކުދިންނަށް އެ މާއްދާ މަޖުބޫރު ކުރަން އުޅޭކަމުގެ ކަންބޮޑުވުމާއި، ދަރިވަރުންނާއި ޓީޗަރުން ތަމްރީނު ނުކޮށް ކުއްލިއަކަށް ޤްރުއާނުން ޤައުމީ ފެންވަރުގެ އިމްތިހާނެއް ބޭއްވުމަކީ ކަނޑައެޅުންވެސް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރަށް އެ އިމްތިހާނަށް ދަރިވަރުން އަހުލުވެރިވެފައި ނެތުމާއި، ކުދިންނަށް ސުކޫލްތަކުން ކިޔަވައިދިން ގޮތާއި އެސްއެސްސީ އިމްތިހާން ދޭން އުޅޭގޮތް ތަފާތުކަމުގެ ޝަކުވާވެސް ފާހަގަކޮށްފައިވެ އެވެ. އޭގެތެރޭގައި މަޙުރަޖު އަދި ތަޖުވީދުން ޓެސްޓްދޭން ކަނޑައަޅާފައިވާ ގޮތާއި ސުކޫލުން ކިޔަވައިދިންގޮތް ތަފާތުކަމަށް ފާހަގަކޮށްފައިވެ އެވެ.

އެެހެންކަމުން ދަރިވަރުން އިމްތިހާނަށް ތައްޔާރުވެފައި ނެތުމުން އެކަމަށް ތައްޔާރުވާން ވަގުތު ބޭނުންވެފައިވާތީ 2020ގައި ކިޔަވަމުންދާ ދަރިވަރުންގެ އެހެން މާއްދާތަކަށް ބުރުއަރާކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ދަރިވަރުން ގުރުއާން މާއްދާގެ އިމްތިހާނަށް ތައްޔާރުވެފައި ނެތުމުން އެ މާއްދާއަށް އިތުރު ވަގުތު ދޭން ޖެހި ކިޔަވަމުން ދާ އެހެން މާއްދާތަކަށް ބުރުއަރާ ކަމަށް ބެލެނިވެރިން ޕެޓިޝަނުގައި ފާހަގަކޮށްފައިވާއިރު އަދިވެސް އިތުރު ކަންތައްތަކެއް އެ ޕެޓިޝަނުގައި ހިމަނާފައިވެ އެވެ.

"ދަރިވަރުންނާއި ޓީޗަރުން ތަމްރީނު ނުކޮށް ކުއްލިއަކަށް ގުރުއާން މާއްދާއިން ގައުމީ ފެންވަރުގެ އިމްތިހާނެއް ބޭއްވުމަށް ކަނޑައެޅުން،"

ޕެޓިޝަނުގައި ބެލެނިވެރިން ހިމަނާފައިވެ އެވެ.

އެ ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރައީސް މިއަދު ވަނީ ނިންމަވާފަ އެވެ.