ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން މިރޭ ބުނިގޮތުގައި ބަލަމުން އަންނަނީ މީސްމީޑިއާގައި ރައީސް މުޢިއްޒަށް ނިސްބަތްކޮށް މަރުގެ އިންޒާރުދިން މައްސަލައެކެވެ.
ރައީސަށް މަރުގެ އިންޒާރުދީ ޕޯސްޓެއްކޮށްފައި ވަނީ ‘’މަސީޙް މޫސާ’’ ނަމުގައި ފޭސްބުކްގައި ބޭނުންކުރަމުން އަންނަ އެކައުންޓަކުންނެވެ.
އެމީހާ ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ދަންނަވާފައިކަން ހާމަކުރަށްވައި ރޭ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓާއި ގުޅިގެން ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރަކާއި ގުޅުވައެވެ.
‘’ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދިނުމަށް މަޝްވަރާކުރަނީ’’ ސުރުޚީގެ ދަށުން ގެނެސްފައިވާ އެ ޚަބަރު ފޭސްބުކްގައި ޝެއާ ކުރަމުން އެމީހާ ވަނީ ހުތުރު އިބާރާތުން ރައީސަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!