ރާއްޖޭގެ ރިސޯޓެއްގައި ބިސްގަނޑެއް އަޅައި ނުދީގެން ހިންގި ހަމަނުޖެހުމެއްގައި ސްރީލަންކާގެ ޝެފަކު މަރާލި މައްސަލާގެ ދައުވާލިބުނު ލަންކާ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ބިސްގަނޑެއްގައި އަޅައި ނުދީގެން އުފެދުނު ހިތްހަމަނުޖެހުމުގައި ލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމުގައިވަނީ ހަމަލާދިން ކަމަށް ބަންދު މުއްދަތު މަޖިލީހުގައި ޖަޔަލަތު އެއްބަސްވި ނަމަވެސް އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށް ބުނެފައިވާއިރު, އެއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ބެލެވޭނެ އެހެން ހެއްކެއް ނެތް ކަމަށެވެ.
އޭނާ ބަންދު މުއްދަތު މަޖިލީހުގައި އޭނާ ވާހަކަ ދައްކާފައިވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބި އަދި ރަނގަޅަށް ތަރުޖަމާކޮށް ނުދެނީސް ކަމަށްވާތީ އެ ބަޔާނަށް ބުރަދަން ނުދެވޭނެ ކަމަށް ގާޒީ އިބްރާހިމް އިހްސާން އިއްވެވި ހުކުމުގައިވެ އެވެ.
އެ ހާދިސާ ލޮލަށް ފެނުނު ހެކިން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުން އެ އިން އެއްވެސް މީހެއް ހެކިބަހެއް ލިބިފައި ނުވާއިރު, ބަންދު މުއްދަތު މަޖިލީހުގައި ވެފައި އޮތް އިއުތިރާފަށް ބަލައިގެން އޭނާގެ މައްޗަށް އެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!