އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސްޓެލްކޯއިން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ސްޓެލްކޯއިން ބުނީ، މި މަޝްރޫޢުގެ ދަށުން، ރަށުގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ ވަނީ އެއްކޮށް އައު ކުރެވިފައިކަމަށެވެ.

Ad
rt

މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފެރިދޫ އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބެހެއްޓި، އެ ޕެނަލް މިހާރު ބޭނުންކުރަން ފަށާފައިވުމެވެ. މި އައު ނިޒާމުގެ ސަބަބުން، ކުރިން ރަށުގައި ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ވަނީ މުޅިން ހައްލުވެފައެވެ.

މި އަޕްގްރޭޑްގެ ސަބަބުން ލިބިގެންދާ އެންމެ މުހިންމު އެއް ފައިދާއަކީ، މުސްތަޤުބަލުގައި ރަށުގެ ކަރަންޓުގެ ބޭނުން އިތުރުވަމުންދާ ދިއުމަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުވެގެން ދިއުމެވެ. އަދި ހަމައެއާއެކު، ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލައެއް އަވަސް ފުރުސަތެއްގެ ތެރޭގައި ދެނެގަނެ، ހައްލުކުރުމުގެ ޤާބިލުކަން މި އައު ނިޒާމުގެ ސަބަބުން ވަނީ އިތުރުވެފައެވެ.

މި އަޕްގްރޭޑްގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ހުރި ޚިދުމަތަކަށް ވެގެންދާނެ އެވެ.

މި މަޝްރޫޢުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި ފެންވަރު ރަނގަޅު، އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ރަށުގެ ތަރައްޤީއަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.