ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ މި ސަރުކާރުން ވަނީ ނައްތާލާފައިކަމަށް ރައީސް ޑރ. މިހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، 2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމެއްކަމުގައި ހެދުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވެވޭނީ، ދިވެހި ހުރިހާ ރައްޔިތުން، އެއް ވިސްނުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށެވެ.
މި އަމާޒަށް ވާޞިލުވުމަށް ދިވެހި ޤައުމުގައި ހަމަޖެހުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ، ސިޔާސީ ބަދަލުހިފުމުގެ ރޫޙު މިއަދު ދިވެހި ޤައުމުން ނައްތާލެވިފައިވާކަމަށެވެ.
މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި، މި ސަރުކާރުން ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅުއްވާފައި ނުވާނޭ ކަމަށާއި، ‘’ވިހަ ސިޔާސީ އޮއިވަރެއްގައި’’ ޤައުމު ޖެއްސުމުގެ އާދަ، މި ސަރުކާރުން ނައްތާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމުގައިވިޔަސް، ކޮންމެ ދިވެހި ރައްޔިތަކީވެސް މުހިންމު ރައްޔިތެއްކަމަށާއި، އެ ބޭފުޅެއްގެ ބަހާއި ޢަމަލާއި ވިސްނުން އެ މަނިކުފާނަށް މުހިންމުކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވުން ކަމަށާއި، މި ކަންކަން ފުރިހަމަ ކޮށްދެއްވުމުގެ ސިޔާސަތު ތަންފީޒުކުރައްވަމުން ގެންދަވަނީ، އިޤްތިޞާދީ ގޮތުން ޤައުމު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ޤައުމު ދަރަނިވެރި ނުވެ، ފައިސާ ޗާޕު ނުކޮށްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ސިޔާސަތުން، ދިވެހިރާއްޖޭގެ ފަޚުރާއި، މިނިވަންކަމާއި، މުސްތަޤިއްލުކަން ދަމަހައްޓައި، އަމިއްލަވަންތަކަމާއެކު ފަރުދީ އަދި ޖަމާޢީ ތަރައްޤީ ގެނެސްދެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!