މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިރޭ އިރާކޮޅު މާލޭގެ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހުމަށްފަހު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންކުރެ 17 އަހަރުގެ ކުއްޖާ (ތޭރަވާ އާއި އަޝްފާގެ ދަރިފުޅު) މިހާރު ވަނީ ނިޔާވެފައެވެ. އަނެެއް މީހާގެ ހާލު ސީރިސްކަމަށް ވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓްގައި ދެން އަނިޔާވީ 40 އަހަރުގެ މީހަކަށާއި 16 އަހަރުގެ ކުއްޖަކަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލްގައި ތިބީ ނިޔާވި 17 އަހަރުގެ ކުއްޖާ (ތޭރަވާ އާއި އަޝްފާގެ ދަރިފުޅު) އާއި 16 އަހަރު ކުއްޖާއެވެ.
މި އެކްސިޑެންޓުވި ހާދިސާ ފެންނަ ވީޑިއޯ މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެންނަނީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސް ކުރަން ކަފިހި ހުރަސް މަތިން ދަނިކޮށް ބާރަށް ދިޔަ ސައިކަލު އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. އެ މީހާ ވިއްސައިގެން ދިޔައިރު ސައިކަލު ވެއްޓެއެވެ. އެއް ކުއްޖަކު ޕިކަޕު ދަށުވިއިރު، ދެ ވަނަ ކުއްޖާ ޕިކަޕުގެ އެއް ފަރާތަަށް ވިއްސައިގެން ދިޔައީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!