ހއ. އުތީމުގައި ޤާއިމްކުރާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ.
އުތީމުގައި ޤާއިމްކުރާ މި ދަނޑަކީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ގާއިމުކޮށްދޭ ދަނޑެކެވެ.
އެގޮތުން މި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިމުމާއި ގުޅިގެން އުތީމު ކައުންސިލުން ބުނެފައިވަނީ ވަރަށް އަވަހަށް އާންމު ރައްޔިތުންނަށް ދަނޑު ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެކަމަށެވެ. އަދި މި މަސަައްކަތް މިހާ ފުރިހަމަ އަށް ކުރިއަށް ގެންގޮސްފައިވާތީ އުތީމު ކައުންސިލުން ވަނީ މިނިސްޓްރީއަށް ޝުކުރުދަންނަވާފައެވެ.
އުތީމުގައި ޓާފް ދަނޑެއް ތަރައްޤީކޮށްފައިވާއިރު، މިއަހަރު ނޮވެމްބަރ 3 ގައި ބާއްވާ ތިލައުތުރު ފުޓްސަލް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އުތީމުގައިކަން ފާހަގަކޮށްލެވެއެވެ.
އުތީމު ކައުންސިލުން ވަނީ މުބާރާތް ފެށުމުގެ ކުރިން ކައުންސިލް މެންބަރުންނާއި މުވައްޒަފުންނާއި ރައްޔިތުންގެ އެއްބާރުލުމާއެކު ދަނޑު ތައްޔާރުކޮށް މުބާރާތް ކުލަގަދަކޮށް ބޭއްވުމަށް މަސައްކަތްތައް ފަށާފައެވެ.
މިއަހަރުގެ ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ވެސް އެރަށުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!