ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނިއްޖެއެވެ.
ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް އިއްޔެ ވެސް ބަލާފައިވާއިރު، އެމްއެންޑީއެފުން މިއަދު ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި އޭނާ ދަތުރުކުރި ޑިންގީ ފެނިފައިވާ ކަމަށެވެ.
އެ ޑިންގީ ފެނުނީ ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން ސިފައިންނާއި ފުލުހުން ގުޅިގެން ކުރި ޑައިވެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތުގައި އަދިވެސް އޭނާ ފެނިފައި ނުވާއިރު، އޭނާ ފެނޭތޯ އިއްޔެގެ ނިޔަލަށް ވަނީ ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.
މި އޮޕަރޭޝަންގައި ސިފައިންގެ އިތުރުން ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!