ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ހުށަހެޅުން ހުށަހެޅި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ ކޮމެޓީ ނުވަތަ ޑަބްލިއުޑީސީ) ތަކާއެކު ފައިސާ ދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ފަރާތްތަކާއި ދެމެދުސޮއިކޮށްފިއެވެ.
މި އަހަރު އަތޮޅު ކައުންސިލުން ފަންޑް ދިނުމަށް ހޮވާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަކީ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއެވެ.
މީގެތެރެއިން 60 ޕޮއިންޓާއެކު އތމ ކޮމިޓީ ގްރާންޓް ކާމިޔާބުކޮށްފައިވާ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ބޭސް ފިހާރައެއް ޤާއިމްކޮށް ހިންގުމަށެވެ. އަދި 61 ޕޮއިންޓާއެކު އެންމެ މަތިން އތމ ކޮމިޓީ ގްރާން ކާމިޔާބުކޮށްފައިވާ ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އިންޑޯ ޖިމެއް ޤާއިމްކުރުމަށެވެ.
އަތޮޅު ކައުންސިލުގެ ބަޖެޓުން މިއިން ކޮންމެ ކޮންމެ ކޮމިޓީއަކަށް 100،000 (އެއްލައްކަ ރުފިޔާ) ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ 100000 (އެއްލައްކަ) ރުފިޔާގެ މިއަހަރުގެ ގްރާންޓް ދޭނެ ދެ ޖަމިއްޔާ އާއި އެކުވެސް ވަނީ ގްރާންޓް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ފޯކައިދޫ "ބްލަޑް ބްރަދަރސް" އަދި ނަރުދޫ "ރަމްޒު ސްޕޯޓްސް އެކަޑަމީ" އެވެ.
ށ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކާއި ޑަބްލިޔުޑީސީތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރުވެރިކުރުމާއި، އިޖްތިމާޢީ ތަރައްޤީއާއި އިޖްތިމާއީ ރޫޙް އަލާކޮށް ދިރުވުމަށް ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!