ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ދެ ޖަމިއްޔާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ޖަމިއްޔާތަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އަހަރު ހޮވާފައިވާ ދެ ޖަމިއްޔާއަކީ ފޯކައިދޫ ބްލަޑް ބްރަދާސް އާއި ނަރުދޫ ރަމްޒު ޖަމިއްޔާއެވެ. މިކަމަށް ހުޅުވާލި ފުރުސަތުގައި ނަރުދޫ ރަމްޒް ޖަމިއްޔާއިން ޕްރޮޕޯސަލް ކާމިޔާބުކޮށްފައި ވަނީ 73 ޕޮއިންޓް ހޯދައިގެންނެވެ. ފޯކައިދޫ ބްލަޑް ބްރަދާސް ޕްރޮޕޯސަލް ކާމިޔާބު ކުރީ 67 ޕޮއިން ހޯދައިގެންނެވެ.

Ad
rt

ފޯކައިދޫ ބްލަޑް ބްރަދާސްއިން މި ފަންޑުގެ ދަށުން އެ ރަށުގައި އިޖްތިމާއި އަދި ދީނީ ޝިޔާރު ހިމެނޭ ދިއްލޭ ބޯޑު ރަށުގެ އެކި ހިސާބުގައި ހަރުކުރާނެއެވެ. ނަރުދޫ ރަމްޒު ޖަމިއްޔާއިން އެ ރަށުގެ ވަށައިގެންވާ މަގާއި އަދި އެހެނިގެން ބައެއް މަގުތަކުގައި މި ޕްރޮގްރާމްގެ ދަށުން މަގުބައްތި ޖަހާނެއެވެ.

އަތޮޅު ކައުންސިލުގެ ބަޖެޓުން މިއިން ކޮންމެ ޖަމިއްޔާއަކަށް 100،000 (އެއްލައްކަ ރުފިޔާ) ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ގްރާންޓްގެ ދަށުން ށ.އަތޮޅު ކައުންސިލުން މިދިޔަ އަހަރު ވަނީ ތިން ޖަމިއްޔާއަކަށް އެހީ ދީފައެވެ. އެއީ ތާނަ އައިލެންޑް މޮނިއުމެންޓް ތައްޔާރުކުރުމަށް ބުލޫ ގިލްޑް/ ކަނޑިތީމް އަށް ދިން އެހީ އާއި، އޮފީސް އިމާރާތް އަދި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުމަށް ޅައިމަގު އެކުވެރިންގެ ރޫހް އަދި ތިމާވެއްޓާއި ރައްޓެހި ބާބަކިއު އޭރިއާއެއް ތަރައްގީ ކުރުމަށް ޔުނިޓީ ސްޕޯޓްސް އެކަޑަމީ/ ފުނަދޫ އަށް ދިން އެހީ އެވެ.

ށ. އަތޮޅު ކައުންސިލުން އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސްް މި ގްރާންޓް ދޫކުރަމުންނެވެ.

ށ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރުވެރިކުރުމާއި، އިޖްތިމާޢީ ތަރައްޤީއާއި އިޖްތިމާއީ ރޫޙް އަލާކޮށް ދިރުވުމަށް ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.