ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވެފައިވާ މި ދުވަސްވަރު، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރެޔާއި ހަމައަށް ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާތައް ރިޕޯޓުކޮށްފައިވަނީ ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން އެދުވަހުގެ ރޭ މެންދަމު 2:00 އާ ހަމައަށެވެ. ރިޕޯޓުކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ހިމެނެނީ:

Ad
rt

ގދ. ގައްދޫން ފުރައިގެން ގަމަށް ދަތުރުކުރި ޑިންގީއެއްގައި ހުރި މީހަކު ގެއްލުނު ހާދިސާ:

ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި ޑިންގީއެއްގައި ހުރި މީހަކު ގެއްލުނު ކަމުގެ ހާދިސާ ރިޕޯޓުކޮށްފައިވެއެވެ. މި މީހާ އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.

ރ.އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރި މީހަކު ގެއްލުނު ހާދިސާ:

ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ކަމުގެ ރިޕޯޓެއްވެސް އެމްއެންޑީއެފަށް ލިބިފައިވެއެވެ. ނަމަވެސް މި މީހާ ވަނީ ފަތާފައި ރ.ދުވާފަރަށް އަރާ ސަލާމަތްވެފައެވެ.

އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާ:

އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު ވަނީ އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެ އައުމަށް ގެނެސްފައެވެ.

ބ.ދަރަވަންދޫ ކައިރިން 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާ:

22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ ސަލާމަތްތެރިކަމާ އެކު ޖުލައި 10ވަނަ ދުވަހުގެ 22:23 ހާއިރު ބ.ދަރަވަންދޫއަށް ވަދެފައެވެ. މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ހަތަރު މީހުންނާ އެކު ލޯންޗެއް ފަރަށް އެރި ހާދިސާ:

ކ.ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ ޖުލައި 11ވަނަ ދުވަހުގެ 00:05 ގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ.ހިންމަފުއްޓަށް ގެންގޮސްފައެވެ.

މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާ:

މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯނި އަދި ފެނިފައިނުވާ އިރު، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ:

8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާ އިރު، އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު ޖުލައި 10ވަނަ ދުވަހުގެ 22:52 ހާއިރު މާލެ ގެނެސްފައެވެ. މި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައެވެ.

މަހަށް ނުކުތް ވިލުފުށި ދޯނި ގެއްލުނު ހާދިސާ:

ހަތް މީހުންނާ އެކު މަހަށް ނިކުތް ތ.ވިލުފުށީ "ވިލުރޯދި" ނަމަކަށްކިޔާ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ޖުލައި 11 ވަނަ ދުވަހުގެ ދަންވަރު އެ ދޯނީގައި ތިބި ފަޅުވެރިންނާ ގުޅި، ސަލާމަތްތެރިކަމާ އެކު ދަންވަރު 02:00 ހާއިރު ދޯނި ތ.ވިލުފުއްޓަށް ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދަވާ ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެފަދަ ކަނޑުމަތީގެ ހާދިސާއެއް ދިމާވިޔަސް ލަސްނުކޮށް ކޯސްޓްގާޑުގެ ހޮޓްލައިން 191 އަށް ގުޅުމަށް އިލްތިމާސް ކުރައްވައެވެ.