އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ތައްޔާރުކުރާ 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާނެ ފޮޓޯ ހޯދުމަށްޓަކައި "ކަލަންޑަރ ފޮޓޯ މުބާރާތް 2025" ގެ ނަމުގައި ފޮޓޯ މުބާރާތެއް ފަށައިފިއެވެ.
ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ މި މުބާރާތުން ހޮވޭ އެންމެ ކަމުދާ 13 ފޮޓޯ އަންނަ އަހަރަށް މިނިސްޓްރީން ތައްޔާރުކުރާ ކަލަންޑަރުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތައް ކޮންމެ ބައިވެރިއަކަށް ވެސް ހުށަހެޅޭނީ މަދުވެގެން ތިން ފޮޓޯއެވެ. އަދި ގިނަވެގެން ފަސް ފޮޓޯއެވެ.
މި މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގައި ރާއްޖޭގެ އެކިރަށްރަށުގައި ޤާއިމްކޮށްފައިވާ މިސްކިތްތަކުގެ ފޮޓޯ (އިންޓީރިއާ، އެކްސްޓީރިއާ، އަދި އޭރިއަލް ވިއު) ހިމެނިދާނެއެވެ.
މި މުބާރާތަށް ހުށައަޅާ ފޮޓޯތަކުގައި މާތްﷲ ގެ އިސްމުފުޅުތައް، ކީރިތި ރަސޫލާ (ސއވ) ގެ ނަންފުޅާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މަންޒަރުތައް ހިމެނިގެން ނުވާނެއެވެ.
މި މުބާރާތުގައި ހުށައަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ 12 ފޮޓޯއަށް، ފޮޓޯއަކަށް 2500 ރުފިޔާ އަދި ކަލަންޑަރުގެ ބޭރު ކަވަރުގައި ހިމެނުމަށް ހޮވޭ ފޮޓޯއަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ފަނޑިޔާރުން އިންސާފު ކުރުމުގައި ބެލުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ އުފެންދުންތެރިކަމާއި، ޓެކްނިކަލް ފެންވަރާއި ކޮލިޓީ، ފަންނުވެރިކަމާއި ހުނަރު އަދި ޝަރުތުތަކާއި ގުޅުން ހުރި މިންވަރެވެ.
މި މުބާރާތަށް ފޮޓޯ ހުށައެޅުމަށް ހާއްސަ ލިންކެއް ވަނީ ހަދާފައެވެ. އެގޮތުން ފޮޓޯ ހުށައަޅަން ޖެހޭނީ https://shorturl.at/vmPqa މި ލިންކު މެދުވެރިކޮށްގެންނެވެ. މުބާރާތަށް ހުށައަޅާ ފޮޓޯއާއެކު ބައިވެރިޔާގެ އައިޑީކާޑު ފޮޓޯ ހުށައަޅަން ޖެހޭނެއެވެ. އަދި ކޮންމެ ފޮޓޯއެއްގައި އެ ފޮޓޯގެ ލޮކޭޝަނާއި، މިސްކިތުގެ ނަން އަދި ފޮޓޯއާއި ގުޅޭ ކުރު ތަޢާރަފެއް ހިމަނަން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!