ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދިވެހިރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަން ނިމުމަކަށް ގެނެސްދެއްވާފައިވާ ކަމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާޙުގެ ބިލަށް ބަހުސް ކުރެއްވުމުގެ ތެރެއިންނެވެ.

Ad
rt

ލަތީފް ވަނީ ކުރީގެ ސަރުކާރުތަކުގެ ދަށުން އަދުލުއިންސާފުގެ ނިޒާމަށް ކުރި ނުފޫޒުތައް ހާމަކުރައްވައި، ރައީސް މުޢިއްޒުގެ ވެރިކަމުގައި ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ލަތީފް ވިދާޅުވީ، ކޯޓުތަކަށް އަތްބާނައި، ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ކަންކަން ފެށިގެން އައިސްފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން ކަމަށެވެ. އެގޮތުން، ކޯޓުތައް ތަޅުލައި، ފަނޑިޔާރުންނަށް ޖެއްސުންކޮށް، ފުރައްސާރަކޮށް، ފަނޑިޔާރުން މޫދަށް ވައްޓާލައި، ބިންމައްޗަށް ވައްޓާލައި، މި ހުރިހާކަމެއް 2008 ވަނަ އަހަރު އާ ޤާނޫނު އަސާސީގައި އާ ސަރުކާރުން ކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ، އެއަށްފަހު އައި ރައީސް ޔާމީންގެ ސަރުކާރުން ވެސް ކަންތައްތައް ކުރީ ހަމަ އެގޮތަށް ކަމަށެވެ. ލަތީފްގެ އަމިއްލަ ތަޖުރިބާއެއް ހިއްސާ ކުރައްވަމުން ވިދާޅުވީ، ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓަށް އިންސާފު ހޯދުމަށް ދިޔަ ކަމަށާއި، އެތަނުން ހުކުމް ކުރުމުގެ ބަދަލުގައި "ހުކުމެއްނެތޭ ތި ދެބޭފުޅުންގެ ދެމެދުގައި ސުލްޙަވީމައި ނިމުނީ ނޫންހޭ" މިފަދައިން ވިދާޅުވި ކަމަށެވެ. އެދުވަސްވަރުގެ އަދުލުއިންސާފުގެ ނިޒާމަށް ބާރާއި ނުފޫޒު ފޯރުވުނު ކަމުގެ ހެކިތަކެއްގެ ގޮތުން، އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސައީދާއި ފަނޑިޔާރު ޢަލީ ހަމީދުގެ ވާހަކަ ވެސް ލަތީފް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަންކަމަށް ނިމުން ގެނެސްދެއްވާފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ. ލަތީފް ފާހަގަކުރެއްވީ، ރައީސް މުޢިއްޒު 17 ނޮވެމްބަރު 2023 ގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ކޯޓުތަކަށް އަތްބޭނުން، އަދި ކޯޓުތަކަށް ބާރާއި ނުފޫޒު ފޯރުވުން އެހިސާބުން ނިމުނީ ކަމަށާއި، ކޯޓުތަކުގައި މިނިވަން ކަމާއެކު ޝަރީޢަތްތައް ހިންގައިދެއްވާނެ ކަމަށެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ 17 ނޮވެމްބަރު 2023 ގައި ވިދާޅުވެފައި ވަނީ ކޯޓުތަކަށް އަތްބޭނުން، ކޯޓުތަކަށް ބާރާއި ނުފޫޒު ފޯރުވުން އެހިސާބުން ނިމުނީއޭ، ކޯޓުތަކުގައި މިނިވަން ކަމާއެކު ޝަރީޢަތްތައް ހިންގައިދޭނަމޭ، އެތަން މި ފެންނަނީ، އެ އިސްލާޙް މިކުރަނީ،" ލަތީފް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޓުތަކަށް ނުފޫޒާއި ބާރު ނުފޯރުވާނެ ކަމަށާއި، ކޯޓުތަކަށް ޖެއްސުންކޮށް، ފުރަށްސާރަކޮށް، މަލާމަތްކުރުން ފަދަ ކަންކަން ނިމުމަކަށް ގެންނަވާފައިވާކަމަށް ލަތީފް ވިދާޅުވިއެވެ.

މި އިސްލާޙްގެ ސަބަބުން، އަދުލުއިންސާފު ނިޒާމަކީ ހަރުދަނާ ނިޒާމެއްގެ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދެވޭނެ ކަމަށާއި، ރައީސް މުޢިއްޒު ބޭނުންފުޅުވަނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އަދުލުއިންސާފު ލިބިގެން ދިޔުން ކަމަށް ވެސް ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.