އިރާނުގެ ނިއުކްލިއަރ މަޢުލޫމާތު ނައްތާނުލެވޭނެކަމަށް އެ ޤައުމުން މިއަދު ބުނެފިއެވެ.
އީރާންގެ ނިއުކްލިއަރ ހަކަތަ ނައްތާލާނެކަމަށް ބުނެ އިސްރާއީލުން ވަނީ 13 ޖޫން 2025 ގައި އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. އެމެރިކާ ފަހަތުގައި އޮވެގެން ފެށި މި ހަނގުރާމާގައި އެމެރިކާއިން މަސައްކަތްކުރީ އިސްރާއީލް މެދުވެރިކޮށް އީރާންގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކުކޮށްލާށެވެ. ނަމަވެސް އެކަން އިސްރާއީލަށްނުވުމުން އެންމެ ފަހުން އެމެރިކާއިން ވަނީ އީރާންގެ ތިން ނިއުކްލިއަރ މަރުކަޒަކަށް ރޭ ބޮންއަޅާފައެވެ.
އެމެރިކާއިން މި ހަމަލާއަށްފަހު އީރާންގެ ނިއުކްލިއަރ ހަކަތަ ނައްތާލެއްވިއްޖެކަމަށްބުނެ އުފާފާޅުކޮށްފައިވާއިރު، އިރާނުގެ ރަސްމީ ނޫސް އެޖެންސީ އައިއާރްއެންއޭ އިން ރިޕޯޓްކޮށްފައިވާގޮތުގައި އިރާނުގެ އެޓޮމިކް އެނަރޖީ އޮގަނައިޒޭޝަން (އޭއީއޯއައި) ގެ ތަރުޖަމާނު ބަހްރޫޒް ކަމަލްވަންދީ މިއަދު ވިދާޅުވެފައިވަނީ އެ ޤައުމުގެ ނިއުކްލިއަރ ހަކަތައާ ގުޅޭ މަޢުލޫމާތަކީ "ނައްތާލެވޭނެ އެއްޗެއް ނޫން" ކަމަށެވެ.
ކަމަލްވަންދީ ވިދާޅުވި ގޮތުގައި ނިއުކްލިއަރ ސިނާއަތަކީ އިރާނުގައި އަސްލު އަށަގެންފައިވާ އެއްޗެކެވެ. އަދި މި އަސްލުތަކަކީ ނައްތާލެވޭނެ އެއްޗެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަށް ގެއްލުން ލިބިފައިވޭ، އެކަމަކު މިއީ މި ސިނާއަތަށް ގެއްލުން ލިބުނު ފުރަތަމަ ފަހަރެއް ނޫން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ހަމައެފަދައިން، އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެފައިވަނީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ބިނާވެފައިވަނީ "ޤައުމުގެ އަމިއްލަ ނިއުކްލިއަރ މަޢުލޫމާތުގެ މައްޗަށް" ކަމަށާއި، އެއީ "ބޮންގޮއްވައިގެން ނައްތާލެވޭނެ އެއްޗެއް ނޫން" ކަމަށެވެ.
އެމެރިކާއިން ބޮން އަޅާފައި ވަނީ އީރާންގެ އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ މަރުކަޒުތަކަށެވެ. ނަމަވެސް އެމެރިކާގެ ހަމަލާގެ ކުރިން އެތަންތަން ހުސްކޮށްފައިވާކަމަށް އީރާނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!