ވައިގަދަވުމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މައްޗަށް ފާރެއް ވެއްޓި ގެއްލުންވެއްޖެއެވެ.

މިރޭ ގާތްގަނޑަކަށް 8 ޖަހާ އެހާކަށް ހާއިރު ހިނގި މިހާދިސާގައި ބޯކޮށް ވާރޭވެހި ގެއްލުން ވެފައިވަނީ ޕޭމަންޓް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލަކަށެވެ.

Ad
rt

މި ހާދިސާގައި ކުޅުދުއްފުށީގައި އަދި އިތުރު އެއް ގެއެއްގެ ވަށާފާރު ވެއްޓިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

މިހާރު މުޅި ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އުތުރުގެ ރަށްތަކަށް މިއަދު ހުދު ސަމާލުނެރެފައެވެ.

ވިއްސާރާގައި ކުޅުދުއްފުށީގެ ގެއެއްގެ ފާރުވެއްޓިފައި

އެގޮތުން އެ އިދާރާއިން ވަނީ އުތުރުގެ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

މީގެ އިތުރުން މި ވިއްސާރާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރު ކުރި މޯލްޑިވިއަން ފްލައިޓެއްވެސް ވަނީ ވައިބާރުވުމުގެ ސަބަބުން ނުޖެއްސިގެން މިއަދު ހެނދުނު އަނބުރާ މާލެ ގޮސްފައެވެ. އަދި ހަމަ އެއާއެކު މިރޭ ކުޅުދުއްފުއްޓަށް ޖައްސަން އައި މޯލްޑިވިއަން ފްލައިޓްވެސް ގަދަ ވައިގެ ސަބަބުން އެ ރަށަށް ޖެެއްސުނީ ވަރަށް އުނދަގުލުން ކަމަށް މައުލޫމާތު ލިބެއެވެ.