އީރާންގެ ވައިގެ ދިފާޢީ ބާރުތަކުން އިސްރާއީލު އެފް-35 ފައިޓަރ ޖެޓެއް ވައްޓާލައިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

އީރާނުން ބުނިގޮތުގައި މިއީ ހުކުރު ދުވަހު އިސްރާއީލުން އެ ޤައުމާ ދެކޮޅަށް ހަމަލާތައް ފެށިފަހުން އެ ޤައުމުގެ ދިފާއީ ބާރުތަކުން ވައްޓާލި އިސްރާއީލްގެ އެފް-35 ފައިޓަރ ޖެޓްގެ ތިން ވަނަ ޖެޓެވެ.

Ad
rt

އީރާނުގެ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި، އެފް-35 ޖެޓްގެ ތިންވަނަ އުޅަނދު ވައްޓާލެވުނީ ހުޅަނގު އީރާނުގެ މަތިން ދަތުރުކުރަނިކޮށެވެ. އަދި އެ ޖެޓްގެ ޕައިލެޓް ޖެޓުން ބޭރަށް ފުންމާލުމަށްފަހު ވަނީ ހައްޔަރުކޮށްފައެވެ.

އީރާނުން ބުނާ ގޮތުގައި ހުކުރު ދުވަހުން ފެށިގެން ހަނގުރާމަވެރި ޙާލަތު އުފެދުނު ފަހުން މިއީ ވައްޓާލެވުނު ތިންވަނަ އިސްރާއީލު އެފް-35 ޖެޓްކަމަށްވާއިރު، އީރާންގެ ސިފައިން ބުނެފައި ވަނީ ކުރިން ވައްޓާލެވުނު ދެ ޖެޓްގެ ޕައިލެޓުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. އަނެއް ޕައިލެޓް ހައްޔަރުކޮށްފައެވެ.

އީރާނުގެ ސިފައިންގެ ބުނާ ގޮތުގައި ޖެޓްތައް އިންޓަސެޕްޓް ކުރުމަށް ބޭނުންކޮށްފައިވަނީ އެ ގައުމުގައި އުފައްދާފައިވާ ވައިގެ ދިފާޢީ ނިޒާމްތަކެވެ. ފުރަތަމަ ދެ ޖެޓް ވައްޓާލިކަން ހާމަކޮށްފައި ވަނީ ނިއު ދިއްލީގައި ހުންނަ އީރާނުގެ އެމްބަސީއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އީރާންގެ އެމްބަސީން ބުނެފައިވަނީ އީރާނުގެ ވައިގެ ދިފާޢީ ބާރުތަކުން އިސްރާއީލުގެ ދެ އެފް-35 ފައިޓަރ ޖެޓް ވައްޓާލައި، އަދި އެތައް އަދާވާތްތެރި ޑްރޯންތަކެއް އިންޓަސެޕްޓް ކޮށްފައެވެ.

ނަމަވެސް އިސްރާއީލުން ވަނީ އީރާނުގެ މިވާހަކަތައް ދޮގުކޮށްފައެވެ. އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ޚަބަރު ފަތުރާ ފަރާތް އަވިޗައި އަދްރައީ ޢަރަބި ބަހުން ކުރި ޕޯސްޓެއްގައި އީރާންގެ މި ވާހަކަތަކަކީ "އެއްވެސް އަސާސެއް ނެތް" އެއްޗެއް ކަމަށް ބުނެފަ ވެއެވެ.

ޖެޓްތައް ވައްޓާލިކަމަށް ބުނިނަމަވެސް އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ވެސް އާންމުކޮށްފައި ނުވުމުން އީރާންގެ މި ބުނުމަށް ބާރުދޭ ހެއްކެއް އަދި ދެއްކިފައެއް ނުވެއެވެ.

އީރާނުގެ ބަޔާންތަކުގެ މިނިވަން ކަށަވަރުކުރުމެއް ލިބިފައެއް ނުވެއެވެ. އަދި ވައްޓާލެވުނު ޖެޓްތަކުގެ އެއްވެސް ވީޑިއޯ ނުވަތަ ފޮޓޯ ހެއްކެއް ދައްކާފައެއް ނުވެއެވެ.