ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގައި ޒުވާނަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އެ ޒުވާނާގެ ފޮޓޯ ފުލުހުން މިއަދު އާންމުކޮށްފިއެވެ.

މިގޮތުން ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ އެ އިދާރާގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ހދ. މަކުނުދޫ، ލުނބޯގަސްދަށުގެ، ޢާއިޝަތު މަލީހާ (22އ) ހާޒިވުމަށް އަންގައި އާންމު ނޯޓިސް ނެރެފައެވެ.

Ad
rt

މަލީހާގެ ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އޭނާ އަކީ ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ މީހެއްކަމަށެވެ.

އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާ އަށް އަންގާފައެވެ.

އޭނާ ހާޒިރުވާން ޖެހެނީ 18 ޖޫން 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.

މިފަދަ މައްސަލަތައް ފަހަކަށް އައިސް ފެންމަތިވުމުގެ ސަބަބުން ފުލުހުން ވަނީ އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުނޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާ، އޮންލައިން ޓަރާންސްފަރ ކޮށްފިނަމަ ކަސްޓަމަރުންގެ މައުލޫމާތު ނޯޓުކުރުންފަދަ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.