އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު އޮންނަ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބު ވިޔަސް ސިވިލްސަރވިސް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ އެ އިންތިޚާބުގައި ވާދަ ކުރުމަކުން ސިވިލްސަރވިސް މުވައްޒަފުން ވަޒީފާ ސަސްޕެންޑް ނުވާނެ ކަމަށާއި، ތިޚާބުވުމުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކި ނުކުރެވޭނެކަމާއި އަދި އިސްތިޢުފާވެސް ދޭން ނުޖެހޭނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
އެކަން ހާމަކޮށް އެ ކޮމިޝަނުން ސާރކިއުލާއެއް އާންމު ކުރީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތި ލުމުން ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްވާނެތޯއާއ،ި އެ ކޮމެޓީއަށް އިންތިޚާބު ވުމުން ވަޒިފާއިން ވަކިކުރެވޭނެތޯ ސާފުކުރުމަށް ބައެއް ފަރާތްތަކުން އެ ކޮމިޝަނަށް ހުށަހަޅަމުންދާތީ އެކަން ސާފުކޮށް ދިނުމުގެ ގޮތުންނެވެ.
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ
ހަވަނަ ބާބު (ކައުންސިލްތަކުގައި އަންހެނުންގެ ދައުރު) ގެ 6-56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް
މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުން، ވަޒީފާއިން ވަކިކުރެވެނީ ނުވަތަ ސަސްޕެންޑްކުރެވެނީ ޤާނޫނުގައި އެ ކަން ބަޔާންކުރެވިފައި އޮތުމުން ކަމަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.
އެ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ބައިވެރިވުމުން ވަޒީފާއިން ވަކިކުރެވޭނެކަން ނުވަތަ ސަސްޕެންޑް ކުރެވޭނެކަން އެއްވެސް ޤާނޫނެއްގައި ބަޔާންކުރެވިފައި ނުވާކަމަށްވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!