މިދިޔަ މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ އައު ޓެރިފް ރޭޓްތަކަށް ކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ގެނެވުނު ބަދަލެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

Ad
rt

ސްޓެލްކޯއިން މައުލޫމާތު ދެމުން ބުނީ، މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއް ވެސް ތައްޔާރުކުރެވިގެން ދާނީ މި އައު ޓެރިފް ރޭޓްތަކަށް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އައު ޓެރިފް ރޭޓްތަކަށް އައި ބަދަލު

އައު ބަދަލާއެކު، 0-100 ޔުނިޓަށް 1.50 ރުފިޔާއިން 1.25 ރުފިޔާއަށް، 101-200 ޔުނިޓަށް 1.70 ރުފިޔާއިން 1.50 ރުފިޔާއަށް، އަދި 201-400 ޔުނިޓަށް 2.15 އާއި 2.50 ރުފިޔާއިން 1.50 ރުފިޔާއަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން 401 ޔުނިޓުން މަތީގެ ބޭންޑްތަކަށްވެސް ވަނީ އަގު ކުޑަކޮށްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުން ވޭތުވެދިޔަ ދެ ރަމަޟާން މަހުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފައިވާކަމެވެ. އަދި ސްޓެލްކޯގެ އިތުރުން ފެނަކައިން ވެސް ވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓުގައި މެއި މަހުގެ ކަރަންޓުގެ ޚިދުމަތަށް ބިލުކުރާނެ ކަމަށް އިއުލާންކޮށްފައެވެ.

ސްޓެލްކޯއިން މާލެ ސަރަހައްދުގެ އިތުރުން އދ. އަތޮޅުގެ މާމިގިލި ފިޔަވާ އެހެން ރަށްރަށަށާއި، ވ. އަތޮޅުގެ ހުރިހާ ރަށަކަށް، އަދި ކ. އަތޮޅުގެ ހުރާ ފިޔަވާ އެހެން ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

ފެނަކައިން ވެސް ވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓުގައި މެއި މަހުގެ ކަރަންޓުގެ ހިދުމަތަށް ބިލުކުރަން ނިންމާފަ އެވެ.