ސްކައުޓް އެސޯސިއޭޝަނާއި ސްކައުޓް ހަރަކާތުގައި އުޅޭ ވޮލަންޓިއަރުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި، 'ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް' އެވޯޑް ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ސްކައުޓް ހަރަކާތަށް ދާއިމީ އިމާރާތެއް ނެތުމަކީ އެކަން ވެގެންވާންޖެހޭނެ ގޮތް ނޫންކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މިދިޔަ 69 އަހަރުގެ ތެރޭގައި ސްކައުޓް ހަރަކާތުން މުޖުތަމަޢަށް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދައިދީފައިވާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަރލްޑް ސްކައުޓް ބެޖް އެރުވިއެވެ. އަދި ސްކައުޓް ކައުންސިލްގެ 8 މެންބަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވައި، "ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް" އެވޯޑް 7 ސްކައުޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިއަދަކީ ޤައުމީ ސްކައުޓް ދުވަސް ކަމަށްވުމާއެކު، ރައީސުލްޖުމްހޫރިއްޔާ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި، ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި، ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރެއްވިއެވެ.