މަސައްކަތްތެރިންނަށް މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް އުފައްދާ ތަކެތި ޑިޖިޓަލައިޒްކޮށް ފޮނުވައިދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ކުރެއްވި ދެވަނަ ޒިޔާރަތުގައި ދައުލަތުގެ މީޑިއާ އަށް ރޭ ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވިގޮތުގައި މިއަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާއެވެ.
މިގޮތުން ކްރިއޭޓިވް އެކޮނަމީއެއް ޤާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވަޢުދެއްކަން ހާމަކުރައްވަމުން، 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާޢަތް ފުޅާކުރެއްވުމަށް ނިންމަވައި އެކަން އިޢުލާންކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސް ވިދާޅުވިގޮތުގައި މިފަހަރުގެ މަޢުރަޒަށް ބައްލަވައިލެއްވުމުންވެސް، އޭގެ ކުރިން އެކަން ޙާޞިލްކުރެވޭނެކަމަށް ބެލެވެއެވެ.
އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދެއްވާނެކަން ހާމަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޑިޖިޓަލައިޒްކޮށް ތަކެތި އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވި، އެއިން މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.
މިއަހަރު މިބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ވަރަށް ކާމިޔާބު މަޢުރަޒެއްކަން ފާހަގަކުރަށްވަމުން، މި މަޢުރަޒުގެ މަޤްޞަދަކީ ދިވެހި އުފެއްދުންތެރިކަމަށް ފުރުޞަތު ދިނުންކަމަށާއި، މިކަން ޙާޞިލްވެފައިވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި އަމިއްލަ މުއްސަދިކަމާ، މުޅި ޤައުމުގެ މުއްސަދިކަން ޙާޞިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާން ބޭނުންފުޅުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025، ރައީސް މުޢިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ ހުކުރުދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!