އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އީޔޫއާ ދެކޮޅަށް ޓެރިފް އިތުރުކުރާނެކަމުގެ އިންޒާރު ދެއްވައިފިއެވެ.

މިގޮތުން ޓްރަމްޕް ވަނީ ޔޫރަޕިއަން ޔޫނިއަނުން އެމެރިކާއަށް ފޮނުވާ ހުރިހާ މުދަލަކަށް 50 އިންސައްތައިގެ ޓެރިފެއް ނެގުމުގެ އިންޒާރު ދެއްވާފައެވެ.

Ad
rt

މީގެ އިތުރުން، އެޕަލް ކުންފުންޏަށްވެސް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. އެމެރިކާގައި އުފައްދާ އައިފޯނުތައް ފިޔަވައި އެހެން އައިފޯނުތަކަށް މަދުވެގެން 25 އިންސައްތައިގެ އިމްޕޯޓް ޓެކުހެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހުން މި އިންޒާރު ހުރިހާ ސްމާޓްފޯނަކަށް ވަނީ ފުޅާކުރައްވާފައެވެ.

އީޔޫއާ ދެކޮޅަށް މި އިންޒާރު ދެއްވާފައިވަނީ ދެ ފަރާތުގެ ވިޔަފާރީގެ މަޝްވަރާތައް ފެށުމުގެ ކުރިންނެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ގިނަ އީޔޫ މުދަލަށް 20 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމަށް އިއުލާނުކުރައްވާފައެވެ. ނަމަވެސް މަޝްވަރާތަކަށް ވަގުތު ދިނުމަށްޓަކައި ޖުލައި 8 އާ ހަމައަށް މި ޓެރިފް 10 އިންސައްތައަށް ދަށްކުރެއްވިއެވެ.

މަޝްވަރާތަކަށްފަހު އީޔޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމަކަށް ވާސިލުވުމަށް އަދިވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި ބޭނުންވެއްޖެނަމަ ޖަވާބުދާރީވާނެ ކަމަށްވެސް އިންޒާރު ދީފައިވެއެވެ.

"އީޔޫ-އެމެރިކާ ވިޔަފާރިއަކީ އެއްވެސް އެއްޗަކާ އަޅާނުކިޔޭވަރުގެ ކަމެކެވެ. އަދި މިކަން ކުރިއަށް ގެންދަންވާނީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށްގެންނެވެ. އިންޒާރުދީގެނެއް ނޫނެވެ،" އީޔޫގެ ވިޔަފާރި ކޮމިޝަނަރު މަރޯޝް ޝެފްޗޮވިޗް ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވާފައެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ލަސްވަމުންދާތީ ކެތްމަދުވެފައިވާ ކަމަށެވެ. އަދި ޖޫން 1 ގައި ޓެރިފް އިތުރުކުރުމުގެ ޕްލޭން ހަމަޖެހިފައިވާ ކަމަށެވެ.

"އަހަރެން މިހާރު އެއްބަސްވުމެއް ހޯދާކަށް ނޫޅެން، އެއްބަސްވުން ހަމަޖައްސާފައި އެވަނީ،" ޓްރަމްޕް ވިދާޅުވިއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ މި ބަސްތައް ޙަޤީޤަތަކަށް ވާނީ ކިހާ މިންވަރަކަށްކަން އަދި ބަލަން އެބަޖެހެއެވެ.