ސައިކަލް ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރި މީހެއްގެ ސައިކަލް ޓޯވ ކޮށް، ޖޫރިމަނާކޮށް އަދި ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން އެ މުއައްސަސާގެ ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބަލާފައިވާކަމަށެވެ.

Ad
rt

މިގޮތުން އެ މައްސަލަ ބެލުމަށްފަހު ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށް، 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓާފައިވާކަމަށް ފުލުހުން ބުންޏެވެ.

''ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް'' ފުލުހުން ބުނެފަވެއެވެ.

އެއްގަމު އުޅަނދު ދުއްވަމުން ފޯނު ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް ބައެއް މީހުން މިކަމަށް ހުރުމަތްތެރިކޮށް ހިތުމެއްނެތި ދުއްވަމުން ފޯނުންވާހަކަ ދެއްކުމާއި، މެސެޖަށް ޖަވާބުދިނުން ފަދަ ކަންކަން ކުރާތީ ފެނެއެވެ.

މަގުމަތީގެ ރައްކާތެރިކަމަކީ އެންމެންގެ ސަލާމަތާއި ގުޅިފައިވާކަމެއްކަމުން، އެންމެ މީހެއްގެ މިފަދަ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ކަމާނުބެހޭ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، އަނިޔާ ލިބޭ ފަހަރު އާދެއެވެ.