ށ. އަތޮޅު ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްފުޅާކޮށް މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކޮށް، ފެންވަރު މަތިކުރުމުގެ ޕްރޮގްރާމް ހިންގުމަށް އަތޮޅު ހޮސްޕިޓަލާއި، ށ.އަތޮޅު ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ށ.އަތޮޅު ކައުންސިލާއި އެ އަތޮޅު ހޮސްޕިޓަލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ އަތޮޅު ކައުންސިލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރައްވަމުން ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަކީ އަތޮޅު ކައުންސިލްގެ ފަސް އަހަރު ދުވަހުގެ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި، އެ ޕްރޮގްރާމްގެ ތެރެއިން އެ އަތޮޅު ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ
އެގޮތުން އަތޮޅު ހޮސްޕިޓަލްގައި އެންއައިސީ އަދި އައިސީޔޫގެ ހިދުމަތަށް މީހުން ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހަތަރު ފަރާތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފަރާތްތައް މާލޭގައި ތިބުމާއި ކެއުމުގެ ހަރަދު އަތޮޅު ކައުންސިލުން ދޭން ނިންމާފައިވާއިރު، އެކަމަށް 108000 ރުފިޔާ ކައުންސިލް ބަޖެޓުން ހަރަދު ކުރުމަށް ނިންމާފައިވާ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ޝީޔާމް ވިދާޅުވީ އެންއައިސީޔޫއާއި އައިސީޔޫގެ ހިދުމަތަށް އެކަށީގެންވާ މީހުން މިވަގުތު ނެތުމުގެ ސަބަބުން ވަރަށް އާދައިގެ ކަންކަމުގައި ވެސް ބަލިމީހާ މާލެ ފޮނުވާލަން ޖެހުނަފަދަ ކަންކަން މިހާރު ވެސް ކުރިމަތި ވަމުން އަންނަ ކަމަށެވެ. އުންމީދަކީ އެ ހާލަތަށް ރަނގަޅު ހައްލެއް ލިބިގެން ދިޔުނަ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ އަތޮޅު ކައުންސިލުން ސިއްހީ ދާއިރާއަށް މީހުން ބިނާކުރުމަށް ގެންގުޅޭ ޕްލޭންގެ ދަށުން އެ އަތޮޅު ކޮންމެ ރަށަކުން ދެ ބޭފުޅަކު ސިއްހީ ދާއިރާއިން ތަމްރީން ކުރުމަށް އެމްއެންޔޫއާއި ގުޅިގެން އަތޮޅުގައި ކޯސް ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ހުޅުވާލި ފުރުސަތުގެ ދަށުން މިހާތަނަށް ބައިވެރިވެފައި ވަނީ އެންމެ ހަ ކުދިން ކަމަށެވެ. ނަމަވެސް ކޯސް ހިންގުމަށް 15 ކުދިން ބޭނުންވާތީ އަތޮޅުގެ ރަށްތަކުން ބައިވެރިން ހޯދުމަށް އަތޮޅު ކައުންސިލުން ރަށްތަކަށް ދަތުރުކޮށް ކުދިން ހޯދުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސް ކޯސް ފެށުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކޯހުގެ ފީގެ ދެބައިކޮށްފައި އެއްބައި އަތޮޅު ކައުންސިލުން ދައްކައި ދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!