ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުގައި ހިތްދަތިގޮތަކަށް ބާސެލޯނާ ބަލިކޮށް އިންޓަ މިލާނުން ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ.
މިދިޔަ ހަފްތާގައި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅުނީ ބާސާގެ ދަނޑުގައެވެ. އެ މެޗު ނިމުނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ އިންޓަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު އިންޓައިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއިންނެވެ. އިންޓައަށް ސެމީން ޖާގަ ލިބިފައިވަނީ 7-6 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
މެޗު ފަށައިގެން ބާސާއިން ގޭމް ކޮންޓްރޯލް ކުރިނަމަވެސް، ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާ އުފެއްދީ އިންޓަ މިލާނުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ވެސް ދެ ގޯލުގެ ލީޑަކާއި އެކުއެވެ. އެ ޓީމަށް ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޑަމްފްރީސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މާޓިނޭޒްއެވެ.
އިންޓަގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ޗަނަނޮލޫއެވެ. އިންޓައިން އުފެއްދި ކައުންޓާ އެޓޭކެއްގައި މާޓިނޭޒްއަށް ލިބުނު ބޯޅަ ހިފައިގެން ބާސާގެ އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލަން މަސައްކަތްކުރި ވަގުތު ބާސާގެ ޑިފެންޑަރ ކުބާސީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ފުރަތަމަ ޕެނަލްޓީއަކަށް ނުދައްކައެވެ. ނަމަވެސް އެ ފައުލް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ވަނީ އިންޓައަށް ޕެނަލްޓީ ދީފައެވެ.
މެޗުގެ ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާއިއެކު އިންޓައިން ނިންމާލި ނަމަވެސް ބާސާއިން ވަނީ ދެވަނަ ހާފުގައި ނަތީޖާ އަނބުރާލާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި އެރިކް ގާސިއާ ޖަހައިދިންއިރު ނަތީޖާ ހަމަހަމަކުރި ލަނޑު 60 ވަނަ މިނެޓުގައި ޖަހައިދިނީ އޮލްމޯއެވެ. މި ދެ ލަނޑު ޖަހަން ވެސް އެސިސްޓް ކޮށްދީފައި ވަނީ ޖެރާޑް މާޓިންއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ބާސާއަށް ލީޑު ނަގައިދިނީ ރަފީނިއާއެވެ.
މެޗުން ބާސާ މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ އިތުރު ވަގުތުގައި އިންޓައިން ވަނީ ޓީމް ކުރިއަށް ޖެހި ބާސާގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސްމިނެޓްގެ ތެރޭ އިންޓައިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖެހީ، ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ފްރެންޗެސްކޯ އަޗޭބީއެވެ.
ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އިންޓަ އިން 99 ވަނަ މިނިޓްގަައި ލަނޑު ޖެހީ، އޭރިއާތެރެއިން ޑަވިޑޭ ފްރަޓޭސީ އެވެ. މިއީ މާކަސް ތުރާމް ދިން ބޯޅައަކުން މަހުދީ ތަރޭމީ ކޮންޓްރޯލް ކޮށްލައިދިން ބޯޅައެއް ހޯދައި، ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ފްރަޓޭސީ ޖެހި ގޯލެކެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އަށް އެއްވަރުކޮށްދޭން ޔަމާލް ފޮނުވާލި ދެ ހަމަލާއެއް ކީޕަރު ސޮމާ ވަނީ މަތަކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ތަށި އެންމެ ފަހުން 2010 ވަނަ އަހަރު ހޯދި އިންޓަ އިން ވަނީ މީގެ ދެ އަހަރު ކުރިން ވެސް ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު ބަލިވީ، މެންޗެސްޓާ ސިޓީ އަތުން 1-0 އިންނެވެ. މި މަހު 31 ގައި ކުޅޭ ފައިނަލުގައި އިންޓަ އިން ކުޅޭނީ ޕީއެސްޖީ ނޫނީ އާސެނަލާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!