ސްޕެނިޝް ލީގު ކަޕް (ކޮޕަ ޑެލް ރޭ) ފައިނަލް މެޗުގައި ރޭ ރެއާލް މެޑްރިޑް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.
ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ބާސާއިން މެޗު ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ ފަހުވަގުތު ކޫންޑޭ ޖަހައިދިން ލަނޑުންވެ. މެޗު ނިމިގެން ދިޔައީ 3-2 އިން ބާސާ މޮޅުވެގެންނެވެ.
މިއީ މި ސީޒަންގައި ބާސާއާއި ރެއާލް ބައްދަލުކުރި ތިންވަނަ މެޗެވެ. ތިން މެޗުގައި ވެސް ބާސާއިން މިވަނީ ރެއާލްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ލީގުގައި މެއި މަހު ބާސާއާއި ރެއާލް ވާދަކުރަން ޖެހޭނެއެވެ.
ފުރަތަމަ ހާފުގައި ބާސާއިން ވަނީ ވަރަށް ބޮޑަށް ގޭމް ކޮންޓްރޯލް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ޕްޑްރީ ކާމިޔާބު ކޮށްދިން ލަނޑުން ބާސާއިން ލީޑު ނެގިއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޔަމާލް ތަނަވަސް ކޯށްދިން ފުރުސަތެއްގައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިން ބާސާ ކުރީގައި އޮވެގެނެވެ.
ބެންޗުން މެޗު ފެށި އެމްބާޕޭއާއިއެކު ރެއާލުން ދެވަނަ ހާފު ފެށިއިރު، އެ ޓީމުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ބާސާއަށް ބާރު ބޮޑުކޮށްފައެވެ. ރެއާލްގެ ފުރަތަމަ ލަނޑު 70 ވަނަ މިނެޓުގައި އެމްބާޕޭ ޖަހައިދިނީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. އޭގެ ހަތް މިނެޓް ފަހުން ގުލާ ނަގައިދިން ކޯނަރަކުން ޗުއަމެނީ ވަނީ ލަނޑުޖަހައި ރެއާލަށް ލީޑު ހޯދައިދީފައެވެ.
ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 84 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު، ބާސާ މޮޅުވި ލަނޑު ޖެހީ ދެ ވަނަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައެވެ. އޭރިއާބޭރުން ކޫންޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ތިރީ ކަނަށެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ރެއާލަށް ގެއްލުމާއިއެކު އެ ޓީމުން މި ސީޒަންގައި ހުސްއަތާ ނިންމާލަން ޖެހުމުގެ ބިރާއި ވަނީ ކުރިމަތިވެފައެވެ. ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު، ލީގުގެ ދެވަނާގައި އޮތީ އެއްވަނާގައި އޮތް ބާސާއަށްވުރެ 4 ޕޮއިންޓް ފަހަތުގައެވެ.
މިއީ ކޮޕް ޑެލް ރޭ ބާސާއިން ކާމިޔާބުކުރި 32 ވަނަ ފަހަރެވެ. އެންމެ ގިނައިން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ވެސް ބާސާއިންނެވެ. ބާސާއަށް މި މުބާރާތް ކާމިޔާބު ކުރެވިފައި މިވަނީ ހަތަރު ސީޒަންގެ މެދު ކެނޑުމަކަށް ފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!