ރާއްޖޭގެ މަސްދޯނިތަކުގައި މިހާރު މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި ދިވެހިން މަސްދޯނިތަކަށް ދިއުމަށް ބޭނުންވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު "ރައްޔިތުންނާއެކު" ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިހާރު މަސްދޯނިތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާއިރު، އެ ބިދޭސީން ބާލައި ނުވަތަ ފައިބައި އޭގެ ބަދަލުގައި ދިވެހިން މަސްދޯނިތަކަށް ދިއުމަކީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތެވެ. ނަމަވެސް، މިކަން ވާނީ ދިވެހިންނަށް މިކަމުގެ މުހިންމުކަން ވިސްނި، އަމިއްލައަށް ގަބޫލުކުރެވޭ ހިސާބުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން ތަޢާރަފުކޮށްފައިވާ މަސްވެރިންނަށް ފައިސާ ދިނުމުގެ އައު ނިޒާމުގެ ދަށުން މަސްވެރިންނަށް ދަނީ ދުވަހުން ދުވަހުން ބާނާ މަހަށް ފައިސާ ލިބެމުންނެވެ. މިކަމުގެ ސަބަބުން ދިވެހިން އަނބުރާ މަސްދޯނިތަކަށް ދާނެކަމަށް ރައީސް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
''މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވެން ފެށުމުން އެތައް ޒުވާނުންނެއް އަނބުރާ މަސްވެރިކަމަށް''
"އިރާދަކުރެއްވީތީ އެބަދޭ. އެކަން އެގޮތުގައި ކުރިއަށްވެސް ގެންދާނަން، ކުރިއަށް މި އޮތް ދުވަސްތަކުގައިވެސް މެދުނުކެނޑި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަމަޟާން މަހުގެ ފަހު ދިހައިގައިވެސް މަސްވެރިންނަށް ފައިސާ ދޫކުރުން މެދުނުކެނޑި ކުރިއަށް ގެންދެވުނެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިކަން ހަމަ މިގޮތަށް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަން ދިރުވައި އާލާކޮށް ފުޅާކުރުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމަށާއި، އަދި މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމެއްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!