މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވެން ފެށުމުން ކުރިން ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ޒުވާނުންނެއް އަނބުރާ މަސައްކަތަށް ނުކުމެފައިވާކަމަށް ރައީސް ޑރ.ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންނާއެކު" ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތު އޮތީ އެކި ސަބަބުތަކާ ހެދި ވަރަށް ބޮޑަށް ވަޅުޖެހިފައެވެ. އޭރު މަސްވެރިންނަށް ބާނާ މަހަށް ފައިސާ ނުދެވި، 250 މިލިއަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ދޭންޖެހިފައި އޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭގޮތަށް ކަންތައްތައް އިންތިޒާމު ކުރާނެ ކަމަށް ވެފައިވާ ވައުދު، މިދިޔަ އަހަރުގެ ޑިސެންބަރު 10 ވަނަ ދުވަހު އައި މަސްވެރިންގެ ދުވަހާ ހަމައަށް ފުރިހަމަކުރެވުނެވެ. މީގެ އިތުރުން، ކުރިން ދައްކަން ޖެހިފައި އޮތް 250 މިލިއަން ރުފިޔާއާއި އެ އަހަރު ތެރޭގައި ދައްކަންޖެހުނު ބިލިއަނެއްހާ ރުފިޔާ، ޖުމްލަ 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ، ތެޔޮ ސަބްސިޑީއާއެކު ދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ބޭންކް އޮފް މޯލްޑިވްސްއާއި މިފްކޯ އަދި ފިނޭންސް މިނިސްޓްރީއާ އެކު ހެދުނު އެއްބަސްވުމެއްގެ ދަށުން، ޑިސެންބަރު 10 އިން ފެށިގެން މިއަދާ ހަމައަށް، އެއްވެސް ދުވަހެއް ވައްޓާނުލައި ފައިސާ ދެވެމުންދާ ކަމަށާއި، މިހާތަނަށް 470 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ނިޒާމުގެ ސަބަބުން ކުރިން މަސްވެރިކަމުން ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ޒުވާނުންނެއް އަނބުރާ މަސްވެރިކަމަށް ނުކުމެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
''ޑިސެންބަރު 10ން ފެށިގެން މިއަދާ ހަމަޔަށް އައިއިރުގައި، އެންމެ ދުވަހެއްވެސް ވައްޓާނުލެވި މި އަންނަނީ ހަމަ އިރާދަކުރެއްވީތީ ފައިސާ ދެވެމުން އިނގޭތޯ. މިއަދާ ހަމަޔަށް އައިއިރުގައި، 470 މިލިއަނެއްހާ ރުފިޔާ ހަމަ ބަރާބަރަށް، ދުވަހުން ދުވަހަށް ފައިސާ ދެމުން ގޮސް މަސްވެރިންނަށް އަޅުގަނޑުމެންނަށް ދެވިއްޖެ އިނގޭތޯ. އެކަމުގެ ވަރަށް ރަނގަޅު ނަތީޖާވެސް އެބަ ފެނޭ. ކުރީގައި މަސްވެރިކަމުން ފައިސާ ނުލިބޭތީ، ދޯނިން ފޭބި އެތައް ބަޔަކު. ޚާއްޞަކޮށް، ޒުވާނުން. އަނބުރާ ހިނގައްޖެ'' ރައީސް ވިދާޅުވިއެވެ.
އެ ޒުވާނުންނަކީ ބަރާބަރަށް ފައިސާ ނުލިބޭތީ މަސްވެރިކަން ދޫކޮށް އެހެން މަސައްކަތްތަކަށް އެނބުރު ޒުވާނުންކަމަށާއި، ނަމަވެސް މި އިންތިޒާމާއެކު އެ ޒުވާނުން އެނބުރި މަސްވެރިކަމަށް ނުކުމަތީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަތްގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!