ހުޅުމާލޭ ފޭސް 2 ގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް މިއަދު ބިން ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ބިން ހަވާލުކުރުމާއި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނީ އެ ވުޒާރާ އާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކުރާގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. އަދި މިސްކިތުގެ ކޮންޓްރެކްޓަރ ހަމަޖެއްސުމުގެ މަސައްކަތްކުރާނީ ވެސް ޚަރަދުކުރާ ފަރާތުންކަމަށް އެ ވުޒާރާއިން ބުންޏެވެ.
ޅުމާލެ ފޭސް 2 ލޮޓު 22386 ގައި އަޅާ މި މިސްކިތަކީ 2500 – 3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް އަޅަން އެޗްޑީސީން ވަނީ 18720.79 އަކަފޫޓުގެ ބިމެއް މިއަދު ހަމަޖައްސާފައެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމަންޖެހެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، މިސްކިތްތަށް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.
މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ތެރޭ ނިންމައި ބޭނުންކުރަން ފެށޭނެކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން މިއަދު ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!