ޔުއެފާ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާ ހޯދައި ބާސެލޯނާއާއި ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ވަރަށް ބޮޑުކޮށްފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފައެވެ. ދެވަނަ ލެގުގައި އަންނަ ހަފްތާގައި ޑޯޓްމަންޑްގެ ދަނޑުގައި މި ދެ ޓީމް ވާދަކުރާއިރު، ފޯމުގައި އޮތް ބާސާ ތަފާތު ބޮޑުކޮށް ބަލިކޮށް ސެމީން ޖާގަ ހޯދުމަކީ ޑޯޓްމަންޑަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ހަތަރު ލަނޑަށްވުރެ ތަފާތު ކުޑަކޮށް ބަލިވި ނަމަވެސް 2019 ވަނަ އަހަރަށް ފަހު ބާސާއަށް ޗެމްޕިއަންސް ލީގުގެ ސެމީން ފުރަތަމަ ފަހަރަށް ޖާގަ ލިބޭނެއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު، މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ޖަހައިދިނީ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ރަފީނިއާއެވެ. މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 12 ވަނަ ލަނޑެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާ އިން ދެ މިނިޓް ތެރޭ ލީޑުފުޅާކުރިއެވެ. މިއީ ޔަމާލް އާއި ރަފީނިއާ ގުޅިގެން ކުރި އެޓޭކެއްގައި ގޯލު ރޮނގުމަތިން ބޮލުން ބޯޅަ އެތެރެއަށް ފޮނުވާލައިގެން ލެވަންޑޯސްކީ ޖެހި ލަނޑެކެވެ. އޭގެ އިރުކޮޅެއް ފަހުން، ލިބުނު ފުރުސަތެއްގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިދީފައެވެ. ބާސާގެ އަށް ހަތަރުވަނަ ލަނޑު ޖަހައިދިނީ ޔަމާލްއެވެ.
ރޭ ޕީއެސްޖީން ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރާ 3-1 ގެ ނަތީޖާއިން އެސްޓަންވިލާ ބަލިކޮށްފައެވެ.
ރޭ މެޗުގެ 35 ވަނަ މިނިޓްގައި އެސްޓަން ވިލާ އިން ލީޑުނެގީ މޯގަން ރޮޖާސް ޖެހި ލަނޑުންނެވެ. ނަމަވެސް އެސްޓަން ވިލާ އަށް ލީޑުގައި އޮވެވުނީ، ހަތަރު މިނިޓެވެ. މެޗުގެ 39 ވަނަ މިނިޓްގައި ޕީއެސްޖީން ވަނީ ޑެސެއާ ޑޫއޭ ޖެހި މޮޅު ލަނޑުން އެއްވަރުކޮށްފަ އެވެ. މިއީ، ނޫނޯ މެންޑޭސް ދިން ބޯޅައަކުން ޑޫއޭ އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ވައްދާލި ބޯޅައެކެވެ.
ދެ ވަނަ ހާފުގައި ކުޅެން ނުކުތްތާ ހަތަރު މިނިޓް ތެރޭ ޕީއެސްޖީން ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކްވިޗާ ކްރަވަޝްކޭލިއާއެވެ. ޕީއެސްޖީން ތިން ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މިއީ، އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން މެންޑޭސް ޖެހި ގޯލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!